ސްްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާ އެކު އެ ގައުމުގެ ބުޑިސްޓް 22 ހާމުދުރުން ހައްޔަރުކޮށްފި އެވެ.
މިއީ އެ އެއާޕޯޓުގެ ތާރީހުގައި ވެސް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެވެ.
ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން (ޕީއެންބީ) އިން ހޮނިހިރު ދުވަހުގެ ރޭ މި މީހުން އަތުލައިގަތުމަށް ހާއްސަ ރެއިޑެއް ހިންގީ، ލިބުނު ވަރުގަދަ އިންޓެލިޖެންސް މައުލޫމާތަކަށް ކަމަށް އޮފިޝަލުން ބުންޏެވެ.
ތައިލެންޑުގެ ބެންކޮކުން އައި މި ގުރޫޕު ހުއްޓުވައި ފާސްކުރިއިރު، އެ މީހުންގެ އަތުން 110 ކިލޯއަށްވުރެ ގިނަ "ކުޝް" އާއި "ހަޝިޝް" ފެނިފައިވެ އެވެ. މި ތަކެތި ފޮރުވާފައި ހުރީ ކޮންމެ ފާދިރީއެއްގެ ދަބަހުގެ ފުލުގައި އިތުރު ބައެއް ހަދައި އެއިން ކޮންމެ ދަބަހެއްގައި ފަސް ކިލޯ ޑްރަގްގެ މަގުން ފޮރުވާފައި ހުއްޓަ އެވެ. އަދި ދަބަސްތަކުގެ ތެރެއަށް، ސްކޫލް ކުދިން ބޭނުންކުރާ ސާމާނާއި، އެކި ވައްތަރުގެ މެޓަ އާއި ފޮނިކާތަކެތި އަޅާފައި ހުއްޓެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ހާމުދުރުންގެ ގުރޫޕު ބެންކޮކަށް ދަތުރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ. މި ދަތުރަށް ޓިކެޓް ގަނެ ހަރަދުކޮށްފައިވަނީ ވަކި ހާއްސަ "ސްޕޮންސަރެއް" ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން، ހައްޔަރުކުރި މީހުންގެ މޯބައިލް ފޯނުތައް ޗެކްކުރިއިރު، އެ މީހުން ގައުމުން ބޭރުގައި އުޅުނުއިރު އާންމު ހެދުމުގައި ތިބި ފޮޓޯ އާއި ވީޑިއޯ ފެނިފައިވެ އެވެ.
ހައްޔަރުކުރި 22 ހާމުދުރުންނަކީ ސްރީ ލަންކާގެ އެކި ހިސާބުތަކަށް ނިސްބަތްވާ، އެކި ތަންތަނުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ޒުވާނުންނެވެ. މިއީ މިހާ ގިނަ އަދަދެއްގެ ހާމުދުރުން މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އެއްފަހަރާ ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މި މީހުން މިއަދު ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުން ވަނީ މި ނެޓްވޯކުގެ ފަހަތުގައި ހުރި މީހަކު ހޯދުމަށް ފުޅާ ތަހުގީގެއް ފަށާފައި ކަމަށް އޮފިޝަލުން ބުންޏެވެ.