ތުހުމަތުކުރެވޭ މަސްބޯޓެއް އަތުލައިގަނެ ފާސްކުރި އިރު 654 ކިލޯ ގްރާމްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވާ ކަމަށް ސްރީ ލަންކާގެ ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބުނި  ގޮތުގައި ލަންކާގެ ކަނޑުގެ ސިފައިން 10 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި ހުރި ބޯޓު އަތުލައިގަތީ ލަންކާގެ ދެކުުނު ކަނޑުތެރެއިންނެވެ. މި ބޯޓުގައި 478 ކިލޯގެ އައިސް (ކްރިސްޓަލް މެތަމްފެޓަމައިން) އާއި 176 ކިލޯ ހެރޮއިން ހުއްޓެވެ. 

މަސްތުވާތަކެތީގެ އިތުރުން އަށް ފިސްތޯލަ އާއި އޭގެ ދެ މެގަޒިން އާއި ޓީ56 ގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 އެއް ވެސް ފެނިފައިވެ އެވެ. މިއީ ލަންކާ ސިފައިންނަށް ކަނޑުމަތިން މިހާތަނަށް ހަތިޔާރު އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށް ވެސް ބުންޏެވެ. 

މަސްތުވާތަކެތި ހުރި ބޯޓު މި ހަފްތާގެ ކުރީކޮޅު ސިފައިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭގެ ފަހުން އެ އަތުލައިގަނެ އިއްޔެ ވަނީ ލަންކާގެ ބަނދަރަކަށް ވައްދާފައި ކަމަށް ފުލުހުން ބުންޏެވެ. 

އޮފިޝަލުން ބުނާ ގޮތުގައި މިއީ ފާއިތުވި އަހަރުތަކުގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެއްޗާއި ހަތިޔާރު އަތުލައިގަތް ފަހަރެވެ.