ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގައި މަރުވި މީހުންގެ އަދަދު 49 އަށް އަރާފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ސިފައިން ބައިވެރިކޮށްގެން ހަރަކާތްތައް ވަރުގަދަކުރަމުންދާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.
މަދިރި އާލާވާ ތަންތަން ދެނެގަނެ، އެތަންތަން ނައްތާލުމަށް ލަންކާ ސަރުކާރުން ސިފައިން ނެރުނީ މިދިޔަ މަހު އެވެ.
އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓްގެ ވެރިޔާ ކަޕިލާ ކަންނަންގަރާ ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން މި މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ މުވައްޒަފުންނާއި ސަލާމަތީ ބާރުތަކުގެ އަދަދު ދެ ގުނަ އިތުރުކުރާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ހާއްސަކޮށް ހިންގާނީ ޑެންގީ އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް ކޮލަމްބޯ އާއި އެ ސިޓީއާ އިންވެގެންވާ ދެ ޑިސްޓްރިކްޓެއްގަ އެވެ.
"އިތުރު މުވައްޒަފުންނާއި ސަލާމަތީ އިދާރާތަކާ އެކު، އިތުރު ސަރަހައްދުތަކަށް މި ހަރަކާތް ފުޅާކުރުމަށް މާދަމާއިން ފެށިގެން އާ ކެމްޕޭނެއް އަޅުގަނޑުމެން މި ފަށަނީ،" ކޮލަމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކަންނަންގަރާ ވިދާޅުވި އެވެ.
ޑެންގީގެ ސަބަބުން ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ހޮޑުލުމާއި، ގައިގާ ރިއްސުމުގެ އިތުރުން، ބަލި މާ ބޮޑުވާ ހާލަތްތަކުގައި ލޭގަނޑުވެ، ފުރާނައަށް ނުރައްކާވެ އެވެ.
ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 61،057 މީހުންނަށް މި ބަލި ޖެހިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބަލި ޖެހުނު 30,060 މީހުންނާ އަޅާބަލާއިރު ދެގުނައަށް ވުރެ ވެސް އިތުރު އަދަދެކެވެ. އަދި ހަމައެކަނި މި މަހުގެ ތެރޭގައި ވެސް 15،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޑެންގީ ޖެހިފަ އެވެ.
ނަމަވެސް، މި އަހަރުގެ އަދަދުތައް އަދި އުޅެނީ ލަންކާގެ ތާރީހުގައި ވެސް އެންމެ ގިނައިން ޑެންގީ ޖެހުނު 2017 ވަނަ އަހަރާ އަޅާބަލާއިރު ދަށުގަ އެވެ. އެ އަހަރު 186،000 މީހުންނަށް ބަލި ޖެހި، 440 މީހުން މަރުވި އެވެ.
އޮފިޝަލުން ވިދާޅުވީ ހޮސްޕިޓަލްތައް ފުރިބާރުވުން ހުއްޓުވުމަށްޓަކައި، ލަސްނުކޮށް ވައިރަސް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ.
ޑެންގީ ފަތުރާ މަދިރިއަކީ އޭގެ ފައިގައި ކަޅާއި ހުދުގެ ރޮނގުތަކެއް ހުންނަ އީޑީސް މަދިރި އެވެ. މި މަދިރި އާލާވަނީ ހަރުލާފައި ހުންނަ ސާފު ފެނުގަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންޒާރު ދީފައިވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑެންގީގެ އިތުރުން، މަދިރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ވައިރަސްތައް ކުރިއަށްވުރެ މާ ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. -- އޭއެފްޕީ