ސްރީ ލަންކާގެ 14 ޑިސްޓްރިކްޓެއްގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނެފި އެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ބަލި ފެތުރުން ހުއްޓުވުމަށާއި މަދިރި އާލާވާ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތް ވަރުގަދަކުރަމުންނެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ ޑިރެކްޓަރ، ޑރ. ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް މިއަށްވުރެ ހަރުކަށިކޮށް ކުރިއަށް ގެންދާނެ އެވެ. އަދި ހެލްތު އިންސްޕެކްޓަރުންގެ މަސައްކަތަށް ހުރަސްއަޅާ ނުވަތަ އެއްބާރުލުން ނުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދާ ޑެންގީން ރައްކާތެރިވުމުގެ ހަރަކާތްތަކަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް، ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދުމުންނެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން 5 ގެ ނިޔަލަށް ޑެންގީގެ 36,168 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅަނގު ސަރަހައްދުންނެވެ.

ވެސްޓަން ޕްރޮވިންސްގެ އިތުރުން މާތަރަ، ގޯލް، ރަތުނަޕޫރާ، ކޭގޯލް، ޕުއްތަލަމް އަދި ކެންޑީ ޑިސްޓްރިކްޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި މި އަހަރުގެ މިހާތަނަށް ޑެންގީ ބަލީގައި 20 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.