ލަންކާގައި ޑެންގީ އިތުރުވެ 26 މީހަކު މަރުވެއްޖެ

ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިދިޔަ ތިން ހަފުތާ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި ބަލީގައި މި އަހަރު 26 މީހަކު މަރުވެފައިވާ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ލަންކާގެ ނެޝަނަލް ޑެންގީ އެޑިއުކޭޝަން ޔުނިޓްގެ ކޮމިއުނިޓީ ސްޕެޝަލިސްޓް ޑރ. ޕްރިސީލާ ސަމަރަވީރާ ވިދާޅުވީ މި އަހަރު 17،500 މީހަކަށް ޑެންގީ ޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ ތިން ހަފުތާ ތެރޭގައި ވަނީ ޑެންގީގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެންގީ ކޮންޓްރޯލް ނުވެ އިތުރުވަމުން ދާތީ ގޯލްގައި މިހާރު ވަނީ މަދިރި މަދުކުރުމުގެ ޕްރޮގްރާމްތައް ފަށާފައި ކަމަށް ސަމަރަވީރާ ވިދާޅުވި އެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ފޮގްކުރަމުން އަންނަ ކަމަށާއި އެކަމަކު މަދިރި އާލާވުން ހުއްޓުވޭނީ ރަށު ތެރެ ސާފުކޮށް ބާއްވައިގެން ކަމަށް ވިދާޅުވި އެވެ.

ލަންކާގައި 2018 ވަނަ އަހަރު ވަނީ 48،000 މީހަކަށް ޑެންގީ ޖެހި 50 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.