ސޯމާލިއާގެ ކައިރިން ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާދީ ފޭރުނު މައްސަލައިގައި ސޯމާލިއާގެ 44 މީހަކު އުމުރަށް ޖަލަށް ލާން އިންޑިއާގެ ހާއްސަ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހިމެނޭ ސޯމާލިއާގެ 44 މީހުން ވެސް ވަނީ މުމްބާއީގެ ހާއްސަ ކޯޓެއްގައި ކުށަށް އިއުތިރާފްވެފަ އެވެ. ކޯޓުގެ ފަނޑިޔާރު އެސް.ބީ. ޑިގޭ ވިދާޅުވީ، ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރު ފޭރުމާއި، ފައިސާ ހޯދުމަށް މީހުން ރަހީނުކުރުމާއި އެ މީހުން އައްޑަނައަކަށް ބޭނުންކޮށް މަރާލާނެ ކަމުގެ ބިރު ދެއްކުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްނުލެވޭނެ ފަދަ ނުރައްކާތެރި ކުށްތަކެއް ކަމަށެވެ.
މި ހުކުމް ކޮށްފައިވަނީ ދެ ހާދިސާއަކާ ގުޅިގެންނެވެ.
- ޑިސެމްބަރު 2023: ކަނޑުފޭރޭ ސޯމާލިއާގެ 35 މީހަކު، މޯލްޓާގެ ދިދާގައި ދަތުރުކުރި "އެމް.ވީ. ރޫއެން" ނަމަކަށް ކިޔާ ބަލްކް ކެރިއަރަކަށް ހަމަލާ ދިނުން.
- މާޗު 2024: އިތުރު 9 މީހަކު، އީރާނުގެ ދިދާގައި ދަތުރުކުރި "އަލް ކަމްބާރް" ނަމަކަށް ކިޔާ މަސްވެރި އުޅަނދެއް ފޭރިގަތުން.
އިންޑިއާގެ ނޭވީން ވަނީ މި ދެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށް، ކަނޑުފޭރޭ މީހުން އަތުލައިގެންފަ އެވެ. މި މީހުން 2024 ވަނަ އަހަރުން ފެށިގެން ތިބީ ނަވީ މުމްބާއީގެ ތަލޯޖާ ޖަލުގައި ބަންދުކޮށްފަ އެވެ. އެ އެންމެން ވެސް ވަނީ އެ މީހުންގެ މައްސަލަ ސޯމާލިއާއަށް ބަދަލުކޮށް، އެ ގައުމުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގުމަށް އެދި ހުށަހަޅައިފަ އެވެ.
ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރުން 2000 ގެ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެ، 2011 ގައި އެ މައްސަލަ ވަރަށް ބޮޑުވި އެވެ. ނަމަވެސް ބައިނަލްއަގުވާމީ ނޭވީ ފޯސްތަކުގެ މަސައްކަތުންނާއި ވިޔަފާރި އުޅަނދުފަހަރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މިފަދަ ހާދިސާތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފަ އެވެ.
އިންޑިއާގެ ނޭވީން 2008 އިން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، 2023 ވަނަ އަހަރުން ފެށިގެން އަރަބިއަން ސީ އާއި ރެޑް ސީގައި ހަމަލާތައް އިތުރުވުމާ ގުޅިގެން ވަނީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. -- އޭއެފްޕީ