ފަލަސްތީނުގެ ގިނަ އަދަދެއްގެ ގައިދީން ތިބޭ އިޒްރޭލުގެ ކެޓްޒިއޯޓް ޖަލުގެ ވަށައިގެން ކަންޒު ކޮނެ އެ ތަންތަނުގައި ކިނބޫ ގެންގުޅެން އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، ގެންގުޅޭ ޕްލޭން ތަންފީޒުކުރުން އިޒްރޭލުގެ ކޯޓަކުން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.
ނަމަވެސް، މިކަން ކޯޓުން ހުއްޓުވީ ފަލަސްތީނު ގައިދީންގެ ހައްގުގައެއް ނޫނެވެ. އެއީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކިނބޫތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ އެވެ.
ގުދުސްގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު އަވްރަހާމް ރޫބިން ނެރުނު އަމުރުގައި ވަނީ ކެޓްޒިއޯޓް ޖަލު ކައިރިއަށް ކިނބޫތައް ބަދަލުކުރުމުގެ ހުރިހާ ކަމެއް ވަގުތީ ގޮތުން ހުއްޓާލުމަށެވެ. ފަނޑިޔާރު ބުނެފައިވަނީ ކިނބޫތަކަށް ލިބިދާނެ ގެއްލުންތަކާ މެދު ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
"ލެޓް ދަ އެނިމަލްސް ލިވް" ނަމަކަށް ކިޔާ އިޒްރޭލުގެ ޖަމިއްޔާއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ނީލަކޯރުގެ ކިނބޫ ޖަލުގެ ސަރަހައްދަށް ބަދަލުކުރުމަކީ ސައިންޓިފިކް ހަމަތަކާ ހިލާފު، އަދި އެ ތަކެއްޗަށާއި ޖަލުގެ މުވައްޒަފުންނަށް ވެސް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އިޒްރޭލުގެ ނެގޭވް ސަހަރާގައިވާ މި ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅެން ވަޅުގަނޑުތައް ކޮނުމުގެ މަސައްކަތްތައް ފަށާފައިވާ އިރު، މި ކަމަށް ގާތްގަނޑަކަށް ހަތް މިލިއަން އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލައިގައި އިޒްރޭލުގެ ކޯޓުން ނެރުނު އަމުރާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ދިރާސާކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، ޖަލުގައި ބަންދުކޮށްފައިވާ ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި، ލާ އިންސާނީ އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި، އިޒްރޭކުގެ ކޯޓުން ކިނބޫތަކުގެ ހައްގު ހިމާޔަތްކުރަން އިސްކަން ދިނުމުންނެވެ.
އޮކްޓޫބަރު 7، 2023 ގެ ފަހުން އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނަށް އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި، ބަނޑަށް ޖެއްސުމާއި، ސިއްހީ އެހީތެރިކަން ނުދިނުން ފަދަ ލާ އިންސާނީ ކަންކަން ހިންގަމުންދާކަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، 21 ވަނަ ގަރުނުގައި ސެކިއުރިޓީ ނިޒާމެއްގެ ގޮތުގައި ކިނބޫ ބޭނުންކުރަން އުޅުމަކީ ފަލަސްތީނު މީހުންނާ މެދު އިޒްރޭލުން ގެންގުޅޭ ނަފްރަތާއި އިހާނެތިކަން ހާމަވާ އިތުރު ހެއްކެއް ކަމަށެވެ.