އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކުރެއްވި، ހަމާސް އިން ހަތިޔާރު ބެހެއްޓުން ހިމެނޭ ޣައްޒާގެ ޕްލޭނާ މެދު އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހޯމަ ދުވަހު ބުނެފި އެވެ.

"އިޒްރޭލުން ވަނީ ހުށަހަޅާފައިވާ ގޮތްތަކާ މެދު ހުރި ހިޔާލުތަކާއި ކަންބޮޑުވުންތައް އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި. އާންމުކޮށްފައިވާ މައުލޫމާތުތަކަކީ އިޒްރޭލުގެ ވިސްނުން އެކުލެވޭ އެއްޗެއް ނޫން،" ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ދޮރޮން ސްޕީލްމަން އޭއެފްޕީއަށް ބުންޏެވެ.

އޭނާ ބުނީ، އޮކްޓޯބަރު މަހު ޓްރަމްޕް އިއުލާނު ކުރެއްވި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، އަނިޔާވެރި އަމަލުތައް މަދުވެފައި ނަމަވެސް، ހަމާސްއިން އަލުން ހަތިޔާރު އެއްކޮށް، ފައުޖުތަކަށް މީހުން ނަގަމުންދާކަން އިސްރާއީލުގެ އިންޓެލިޖެންސަށް އެނގިފައިވާ ކަމަށެވެ.

ހަމާސްގެ ހަމަލާތައް މަދުވިޔަސް އިޒްރޭލުން ދަނީ ގާޒާއަށް ހަމަލާތައް ދެމުންނެވެ.

ހަމާސްއިން ހުކުރު ދުވަހު އިއުލާނުކުރި ގޮތުގައި، އެކުލަވާލަމުން އަންނަ، ފަލަސްތީނުގެ ހިންގާ ކޮމިޓީއަކަށް ހަތިޔާރު ހަވާލުކުރުން ހިމެނޭ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް އެ ޖަމާއަތުން ވަނީ އެއްބަސްވެފަ އެވެ.

ޓްރަމްޕް ވަނީ މިއީ އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ނުރައްކާތެރި ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި ލިބުނު "ބޮޑު ކުރިއެރުމެއް" ކަމަށް ސިފަކުރައްވައިފަ އެވެ. އަދި މި ކުރިއެރުންތަކާ މެދު އިޒްރޭލުން "ވަރަށް އުފާކުރާ" ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.

ނަމަވެސް ނަތަންޔާހޫގެ ތަރުޖަމާނު ބުނީ ހަމާސްގެ އަމަލުތަކުން ފެންނަނީ "އޮކްޓޯބަރު 7 ފަދަ އިތުރު ލޭއޮހޮރުވުމަކަށް" ތައްޔާރުވަމުންދާ ތަން ކަމަށެވެ. އަދި ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އިން ނެރުނު ޕްލޭނުގައި ޣައްޒާ އަކީ "ޓެރަރިޒަމުން އެއްކިބާވެފައިވާ، އަވައްޓެރިންނަށް ނުރައްކަލެއް ނެތް ސަރަހައްދަކަށް" ހެދުމަށް ގޮވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ އަމާޒަކީ މިހާރުގެ ހަގީގަތާއި ހަމާސްގެ ނިޔަތާ މުޅިން އިދިކޮޅު ކަމެއް. ދެމެހެއްޓެނިވި އެއްބަސްވުމަކަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ އަދި ކޮންމެހެން ބޭނުންތެރި ކަމަކީ ހަމާސްގެ ހަތިޔާރުތައް ހަގީގީ މާނާގައި، ކަށަވަރުކުރެވޭ ގޮތަށް އަދި އިއާދަނުކުރެވޭނެ ގޮތަކަށް އަތުލުން،" އޭނާ ބުންޏެވެ.

"ފުރިހަމައަށް ހަތިޔާރު ނައްތާނުލެވޭ ނަމަ ކޮންމެ ވަގުތަކު ވެސް ހަމާސްއަށް އަލުން އިޒްރޭލަށް ނުރައްކާކުރުމުގެ ގާބިލުކަން އޮންނާނެ."

ނަން ހާމަނުކުރުމަށް އެދި އިޒްރޭލުގެ މަސްއޫލުވެރިއަކު ކުރިން ބުނި ގޮތުގައި، ޣައްޒާގެ ބޮޑު ބައެއް އަދިވެސް ކޮންޓްރޯލްކުރާ އިޒްރޭލުން، ހަމާސްގެ ހަތިޔާރު އަތުލެވުނުކަން ކަށަވަރުނުވަނީސް މި ޕްލޭންގެ ދަށުން ސިފައިން ފަހަތަކަށް ނުޖައްސާނެ އެވެ.

ހަމާސްގެ އިއުލާނަށްފަހު ވެސް އިޒްރޭލުން ދަނީ ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 13 މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ