ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާއަށް ހަމާސްއިން ރުހުން ދީފައިވާ ކަމަށް ބުނެފައިވަނިކޮށް، އިޒްރޭލުން ޣައްޒާގެ އާންމު އިމާރާތްތަކަށް ދިން ހަމަލާތަކެއްގައި މަދުވެގެން 13 މީހަކު ޝަހީދުކޮށްލައިފި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ހުށަހެޅުއްވި އެއްބަސްވުމުގައިވާ ގޮތަށް، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުގެ މާއްދާތައް ހިމެނޭ ޕްލޭނަށް އެއްބަސްވި ކަމަށް ހަމާސްއިން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އިޒްރޭލުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައި ނުވިޔަސް، ސިޔާސީ މަސްދަރަކުން އޭއެފްޕީއަށް ބުނީ، ހަމާސްއިން "އިހްލާސްތެރިކަމާއެކު ހަތިޔާރު ނުބަހައްޓާ ނަމަ" އިޒްރޭލު ސިފައިން ފޭބުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން ތިބީ ނިންމައިގެންނެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން އާދީއްތަ ދުވަހު ބުނީ އާންމުން އުޅޭ އިމާރާތްތަކަކަށް ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާތަކުގައި އަށް މީހަކު ޝަހީދުވެފައިވާ ކަމަށާއި، ދުވަހުގެ ފަހުގެ ވަގުތެއްގައި ދިން ހަމަލާތަކުގައި އިތުރު ފަސް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ޣައްޒާގެ މެދުތެރެއަށް ރޭގަނޑު ދިން ހަމަލާއެއްގައި، އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރަކުން އެޕާޓްމަންޓަކަށް ހަމަލާދިނުމުގެ ސަބަބުން ފިރިހެނަކާއި އޭނާގެ އަންހެނުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވި ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު ބުންޏެވެ.

ޣައްޒާ ސިޓީގެ ހުޅަނގުގައިވާ އެޕާޓްމަންޓަކަށް ދިން އެހެން ހަމަލާއެއްގައި، އުމުރުން ދުވަސްވީ ފިރިހެނަކާއި ކުޑަކުއްޖަކު ޝަހީދުވެފައި ވާއިރު، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އަވަށެއްގެ އިމާރާތަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާ އެކު ތިން މީހަކު ޝަހީދުވި އެވެ.

"ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި ތިބި އާންމުންގެ ބަޔަކަށް އިޒްރޭލުގެ ޑްރޯން ހަމަލާއެއް އަމާޒުކުރުމުން އެކަކު ޝަހީދުވެ ހަތަރު މީހުން ޒަހަމްވި،" ތަރުޖަމާނު ވިދާޅުވި އެވެ.

ފަތިސް ވަގުތު، ޣައްޒާ ސިޓީގެ ހުޅަނގުގައިވާ އެޕާޓްމަންޓަކަށް ދިން ހަމަލާއެއްގައި ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅު ޝަހީދުވި ކަމަށާއި، ޝަހީދުވި އަންހެން މީހާއަކީ މާބަނޑު މީހެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މި ހަމަލާތަކުގެ އިތުރުން ޣައްޒާގެ މެދުތެރޭގެ ދީރުލް ބަލަހްގައި ދުއްވާފައިދިޔަ އުޅަނދަކަށް އިޒްރޭލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އިތުރު ދެ މީހަކު ޝަހީދުވި ކަމަށް ބުނެފައިވާއިރު، ހޮސްޕިޓަލުން ވަނީ އެއީ ދެބެއިން ކަމަށް ބުނެފަ އެވެ.

ކަމާބެހޭ އިދާރާތަކުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮސްޕިޓަލެއްގެ "ރޫފްޓޮޕް" އަށް ދިން ހަމަލާއެއްގެ ސަބަބުން މެޑިކަލް ސާމާނަށް ގެއްލުންވެ، އަށް މީހުން ޝަހީދުވި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އޭގެ ތެރެއިން ދެ ހަމަލާއެއް އަމާޒުކުރީ އިސްލާމިކް ޖިހާދުގެ މެންބަރުންނަށް ކަމަށެވެ.