އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހަށިތައް ފެންނަމުން ދާތީ އެކަމާ ގުޅޭ ގޮތުން ހެކި އެއްކުރުމަށް ބައިނަލްއަގުވާމީ ތަހުގީގު ޓީމުތަކަށް ފުރުސަތު ދިނުމަށް އދ. އިން އިޒްރޭލަށް ގޮވާލައިފި އެވެ.

އިޒްރޭލުން ޣައްޒާގެ ގޭގެޔަށް ބޮން އަޅައި ބޮޑެތި ގެއްލުންތައް ދިނުމުގައި ތިން އަހަރު ހޭދަކޮށްފައި ވާއިރު އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށްފައިވެ އެވެ. ހަމަލާތައް މަޑު ޖެހި އާންމުން އިމާރާތްތަކާއި މަގުތައް ސާފުކުރުން ކުރިއަށް ގެންދާއިރު ފެންނަމުންދާ ހަށިތަކުގެ އަދަދު އިތުރުވެފައި ވުމުން މިއީ  އިންސާނިއްޔަތާ ހިލާފު ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވުމާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. 

"އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ތަންތަނުން، އާއިލާތައް އެކީގައި ނައްތާލާފައިވާ ކަމަށް ބެލެވޭ ހަށިތައް މިހާރު ދަނީ ފެންނަމުން،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯލްކާ ޓާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"އަހަރެން ކަންބޮޑުވަނީ މިހާތަނަށް ފެނިފައިވާ ހަށިގަނޑުތަކަކީ އަދި ކުޑަ މިންވަރެއް ކަމުގައި ވެދާނެތީ،" ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ބޮމާއި، ބަރު މެޝިނަރީ އާއި ގޮވާތަކެތި ބޭނުންކޮށްގެން ސުންނާފަތިކޮށް ބިމާ ހަމަކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"މިއަދުވެސް، އިޒްރޭލު ސިފައިން ހަރަކާތްތެރިވާ ޣައްޒާގެ ގިނަ ސަރަހައްދުތަކެއްގައި، ކުނިބުނިތަކުގެ ދަށުގައިވާ މަރުވެފައިވާ މީހުންނަށް އެއްވެސް އިހްތިރާމެއް ނެތި، ބުލްޑޯޒަރުތަކުން ދަނީ އެތަންތަން ނަގައި ސާފުކުރަމުން،" އޭނާ ހިތާމައާ އެކު ފާހަގަކުރެއްވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ޣައިރު ގާނޫނީ އަމަލުތައް ހިންގާފައިވާ ކަމުގެ ހެކިތައް ރައްކާތެރިކުރުން މުހިންމު ކަމަށާއި، "ހެކި އެއްކުރުމަށް އެހީތެރިވުމަށްޓަކައި ބައިނަލްއަގުވާމީ ތަހުގީގު ޓީމުތަކަށް ޣައްޒާގެ ހުރިހާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމަށް" ގޮވާލާ ކަމަށެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ނޮވެމްބަރު މަހުން ފެށިގެން ޣައްޒާގެ އިމާރާތްތަކުގެ ދަށުން 630 އަށްވުރެ ގިނަ ހަށިގަނޑާއި އިންސާނުންގެ އެކި ބައިތައް ވަނީ ނެގިފަ އެވެ.

"ކުނިބުނިތަކުގެ ދަށުގައި ގެއްލިފައިވާ މީހުންގެ ޖުމްލަ އަދަދު 8،000 އަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ،" އެ އޮފީހުން ބުންޏެވެ.

ޓާކް ތަކުރާރުކޮށް ވިދާޅުވީ "މި އަނިޔާލިބުނު ފަރާތްތައް ދެނެގަތުމަށާއި، ފޮރެންސިކް މައުލޫމާތާއި ބަޔޮލޮޖިކަލް ސާމްޕަލްތައް ރައްކާތެރިކުރުމަށާއި، އެ މީހުން ވަޅުލެވިފައިވާ ތަންތަން ރެކޯޑުކޮށް އެމީހުންގެ އާއިލާތަކަށް މައުލޫމާތު ދިނުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް ކުރަންޖެހޭނެ" ކަމަށެވެ.

"ޣައްޒާ ސިޓީގެ ކުނިބުނިތަކުގެ ދަށުން ގިނަ އަދަދެއްގެ ހަށިގަނޑުތައް ފެންނަމުންދިއުމަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކުގެ ކަންބޮޑުވުންތައް އަލުން ތިލަވެގެންދާ ކަމެއް،" އޭނާ އިންޒާރު ކުރެއްވި އެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ފަލަސްތީނުގެ 73،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.  އޭގެ ތެރޭގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްބަސްވުމާ އެކު ހަމަލާތައް ހުއްޓާލި ފަހުން މަރުވި 1،350 އަށްވުރެ ގިނަ މީހުން ވެސް ހިމެނެ އެވެ.

އިޒްރޭލުގެ ރަސްމީ އަދަދުތަކަށް ބިނާކޮށް އޭއެފްޕީން އެއްކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ހަމާސްއިން އޮކްޓޯބަރު 7 ގައި ދިން ހަމަލާގައި އިޒްރޭލުން މަރުވީ 1،221 މީހުންނެވެ. -- އޭއެފްޕީ