އިޒްރޭލުން މީގެ ކުރިން ޣައްޒާއަށް ދިން ހަމަލާތަކުގައި ގެއްލުންވެފައި ހުރި އެޕާޓްމަންޓް އިމާރާތެއް ވެއްޓި، މަދުވެގެން 20 މީހުން މަރުވެއްޖެ އެވެ.  އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށާއި، އިތުރު ގިނަ ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ ބުނެފަ އެވެ.

ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިވިލް ޑިފެންސް އޭޖެންސީން ބުނި ގޮތުގައި، ކޮންމެ ފްލޯއެއްގައި ހަތަރު އެޕާޓްމަންޓް ހިމެނޭ ހަ ބުރީގެ މި އިމާރާތް ރޭގަނޑުގެ ވަގުތެއްގައި ވެއްޓުނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަހައްދުގައި ހުރި ކައިރި ގޭގެ އާއި ޓެންޓުތަކުގެ މައްޗަށެވެ.

އދ. އިން ބުނާ ގޮތުގައި، އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ގިނަ އިމާރާތްތަކަށް ވަނީ ގެއްލުންވެ ނުވަތަ އެއްކޮށް ހަލާކުވެފަ އެވެ. އޭއެފްޕީގެ ނޫސްވެރިންނަށް ފެނުނު ގޮތުގައި، ވެއްޓިފައިވާ އިމާރާތް ވަނީ ސިމެންތީގެ ކުނިފުުންޏަކަށް ވެފަ އެވެ. ރީނދޫ ކުލައިގެ ވެސްޓް ލައިގެން ތިބި އެހީގެ ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ވަރަށް ނުރައްކާތެރި ހާލަތުގައި ދިޔައީ ކުރަމުންނެވެ.

ފަލަސްތީނުގެ ޣައްޒާގައި ވެއްޓުނު އިމާރާތުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ޣައްޒާގައި ވެއްޓުނު އިމާރާތުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

"މި އިމާރާތުގައި އަހަރެންގެ ރައްޓެހިންނާއި އަވަށްޓެރިން ދިރިއުޅޭ. އަހަރެން އައީ ރައްޓެއްސަކަށް އޭނާގެ ސާމާނުތަކާއި ގޮދަޑި ކަހަލަ އެއްޗެހި މިތަނުން ނެގޭތޯ ބަލައި އެހީވާން. މިހާރު އޭނާއަށް އެއްވެސް ހިޔާވަހިކަމެއް ނެތް،" މުހައްމަދު އަލް-މަޝްހަރާވީ އޭއެފްޕީއަށް ކިޔައިދިނެވެ.

ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ، އިޒްރޭލުން ކުރިން ދިން ހަމަލާތަކުގެ ސަބަބުން އެ އިމާރާތުގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ސިމެންތި ކުނިތަކުގެ ދަށުން 20 ޝަހީދުންގެ ހަށިގަނޑު ވަނީ ނެގިފައި،" އޭނާ ވިދާޅުވި އެވެ."މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ. އަދި ގިނަ ބަޔަކު ތިބީ ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، އެކަން ކުރަންޖެހިފައިވަނީ މަދު ވަސީލަތްތަކަކާއި އާދައިގެ ކުދި އާލާތްތައް ބޭނުންކޮށްގެންނެވެ. ސަބަބަކީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން، ޣައްޒާއަށް ބޭނުންވާ ބަރު އާލާތްތަކާއި މެޝިނަރީ ވައްދަން އެޅުމެވެ.

ބައްސާލް ވިދާޅުވީ 2024 އާއި 2025 ގައި އިޒްރޭލުން ހަމަލާ ދީފައިވާ އިމާރާތްތަކުގައި މީހުން ނޫޅެން ވާނީ ކުރިން ވެސް އިންޒާރު ދީފަ އެވެ. އެކަމަކު އާންމުންނަށް އެ ނޫން އިހުތިޔާރެއް ނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ހަމަލާދީ 1,200 އަށްވުރެ ގިނަ މީހުން މަރާލުމާ އެކު ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 73،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އާންމުންގެ ގެދޮރާއި އަސާސީ ވަސީލަތްތައް އެކުގައިހެން ވަނީ ބިމާ ހަމަކޮށްފަ އެވެ.