ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިޒްރޭލު ސަރުކާރުގެ ވަޒީރުން ގެންގުޅޭ ރޭވުންތައް ހާމަކުރުމާ ގުޅިގެން، އަރަބި އިސްލާމީ އަށް ގައުމަކުން އާދީއްތަ ދުވަހު އެކަން ކުށްވެރިކޮށްފި އެވެ.
އެ ގައުމުތަކުން ބުނީ މިއީ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރާ މަސައްކަތަށް އެޅޭނެ ހުރަހަކަށް ވާނެ ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުދަ ދުވަހު ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުން ބޭރުކުރުމުގެ ރޭވުންތަކެއް އިޒްރޭލުގައި އެބައޮތް ކަމަށާއި، ނަމަވެސް އެކަން ލަސްވަނީ އެ މީހުން ފޮނުވާލާނެ ވަކި ތަނެއް ކަނޑައެޅުމަށް އެމެރިކާގެ ހުއްދައެއް ލިބެންދެން ކަމަށެވެ.
އޭނާ މިހެން ބުނިތާ އެއް ދުވަސް ފަހުން އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ވަނީ މި ރޭވުމުގެ މަގުސަދަކީ ފުރަތަމަ އަހަރު ތެރޭގައި ޣައްޒާއިން 250,000 މީހުން ބޭރުކުރުން ކަމަށާއި، އަދި ކުރިއަށް އޮތް ހަ އަހަރު ތެރޭގައި ބާކީ ތިބި ގާތްގަނޑަކަށް ދެ މިލިއަން މީހުން ބޭރުކުރުން ކަމަށެވެ.
ސައޫދީ އަރަބިއްޔާ، މިސްރު، އުރުދުން، އަރަބި އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ޕާކިސްތާން، އިންޑޮނީޝިއާ އަދި ތުރުކީގެ ފޮރިން މިނިސްޓަރުން ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނެރެން ހުށަހަޅާފައިވާ "ރޭވުންތަކާއި އުސޫލުތައް އެންމެ ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
މަޖުބޫރުން ވަޒަނުން ބޭރުކުރުމަށް ގޮވާލާ ގޮވާލުންތައް ރަސްމީ ސިޔާސަތަކަށް ނުވަތަ އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަކީ އޭގެ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް އެ ގައުމުތަކުން ބުންޏެވެ.
"ސުލްހަ ގާއިމުކުރުމަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތްތަކަށް، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ހާއްސަކޮށް ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެންނަން ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ފުރިހަމަ ޕްލޭނަށް އެކަމުގެ ސީދާ އަސަރުކުރާނެއެވެ. އެ ޕްލޭންގައި މަޖުބޫރުން މީހުން ބޭރުކުރުމާ ސަރީހަކޮށް ދެކޮޅުހަދާފައިވެއެވެ،" އޮކްޓޯބަރު 2025 ގައި އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް އިޝާރާތްކުރައްވައި ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމަކު، އިޒްރޭލަށް ތާއީދުކުރާ، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ސަފީރު މައިކް ހަކަބީ ވަނީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން މަޖުބޫރުން ބޭރުކުރުމަށް އިޒްރޭލުން އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ