ފަލަސްތީނުގެ ޣައްޒާާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ، އެވޯޑް ހޯދި ޑޮކިއުމެންޓްރީގެ އިޒްރޭލު ޑައިރެކްޓަރުންގެ ރައްޔިތުކަން އަތުލަން އިޒްރޭލުގެ ކަލްޗާ މިނިސްޓަރު މިކީ ޒޯހާރު އާދީއްތަ ދުވަހު ގޮވާލައިފި އެވެ.

އޭނާ ވަނީ "ގައުމަށް ހިޔާނާތްތެރިވުމުގެ" ތުހުމަތު އެ ޑައިރެކްޓަރުންނަށް ކޮށްފަ އެވެ.

"ނާޒާ" ގެ ނަމުގައި އުފެއްދި 80 މިނެޓުގެ މި ޑޮކިއުމެންޓްރީގައި، އިޒްރޭލުގެ ޑައިރެކްޓަރުން ކަމަށްވާ ޔުވާލް އަބްރަހަމް އާއި ރޭޗެލް ޒޯ ވަނީ އިޒްރޭލުގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ 24 ވިސްލްބްލޯވަރުންނާ ވާހަކަ ދައްކައިފަ އެވެ. އެ މީހުން ވަނީ އެތައް ހާސް އާންމުންނެއް ޝަހީދުވެ ޣައްޒާގެ ހަމަލާތަކުގައި ބޭނުންކުރި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އިން ހިންގާ ޓާގެޓިން ސިސްޓަމްތަކުގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

މި ޑޮކިއުމެންޓްރީ ވަނީ މި އަހަރުގެ ވެނިސް ފިލްމު ފެސްޓިވަލްގައި ސްޕެޝަލް ޖޫރީ ޕްރައިޒް ހޯދައިފަ އެވެ.

ޒޯހާރު ތުހުމަތުކުރި ގޮތުގައި، އެ ދެ ޑައިރެކްޓަރުން "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންޓިސެމިޓުންގެ (ޔަހޫދީންނާ ދެކޮޅު މީހުންގެ) ތައުރީފް ހޯދުމަށްޓަކައި އެ މީހުންގެ އަމިއްލަ ވަޒަނަށް ގެއްލުންދޭން" ތިބީ ތައްޔާރަށެވެ.

"ގައުމަށް ހިޔާނާތްތެރިވުމުގެ ކުށުގައި މި ނާތަހުޒީބު އުފެއްދުންތެރިންގެ އިޒްރޭލު ރައްޔިތުކަން އަތުލުމަށް ވަގުތުން ފިޔަވަޅު އަޅާނަން،" އެކްސްގައި އޭނާ ލިޔެފައިވެ އެވެ.

އިޒްރޭލުގެ އެހެން މިނިސްޓަރުން ވެސް ވަނީ މި ދެ ޑައިރެކްޓަރުންނަށް ފާޑުކިޔައިފަ އެވެ. މިއީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ހިންގާ އަނިޔާވެރިކަމުގެ މައްޗަށް އުފެއްދި "ނޯ އަދާ ލޭންޑް" ފިލްމަށް 2025 ވަނަ އަހަރު އޮސްކާ އެވޯޑު ހޯދި ދެ ޑައިރެކްޓަރުންނެވެ.

"ކަލޭމެންނަކީ މުޅި އިޒްރޭލު ރައްޔިތުންނަށް އޮތް ލަދެއް އަދި ހުތުރު ނަމެއް. ނިކުމެގެންދޭ!" ހައްދުފަހަނައަޅާފައިވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން-ގްވިރް އެކްސްގައި ބުނެފައިވެ އެވެ.

"އަހަރެމެންނަށް ޔަގީން ކަލޭމެންގެ ރައްޓެހިން، ނުވަތަ އަހަރެމެންގެ ދުޝްމަނުން ކަމަށްވާ ޣައްޒާގެ ހަމާސްއިން ކަލޭމެންނަށް އުފަލުން މަރުހަބާ ކިޔާނެކަން،" ހައްދުފަހަނައަޅާފައިވާ މިނިސްޓަރު ބުންޏެވެ.

އިޒްރޭލު ރައްޔިތުކަން ބާތިލުކުރުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެއީ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ކުރާ ކަމެއް ނޫނެވެ.

ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ވަނީ "ވަފާތެރިކަން" ނުދައްކާ މީހުންގެ (މިސާލަކަށް، ޖާސޫސުކުރުން ނުވަތަ ހިޔާނާތްތެރިވުމުގެ އަމަލެއް ހިންގުމުން) ރައްޔިތުކަން ދައުލަތަށް އަތުލެވިދާނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި 2023 ވަނަ އަހަރު މި ގާނޫނު ވަނީ "ޓެރަރިޒަމް" ގެ ކުށް ސާބިތުވާ މީހުންގެ މައްޗަށް ވެސް ހިންގޭ ގޮތަށް ފުޅާކޮށްފަ އެވެ. މި ގާނޫނު ހިންގުމަށްޓަކައި ހޯމް މިނިސްޓަރު ރައްޔިތުކަން ބާތިލުކުރަން ހުށަހަޅަންޖެހޭއިރު، ޖަސްޓިސް މިނިސްޓަރު އެކަން ފާސްކުރަންޖެހެ އެވެ. އަދި ފަނޑިޔާރުން އެކަން ތަސްދީގުކުރަންޖެހެ އެވެ.

"އަހަރެމެން ވާހަކަދެއްކި އިޒްރޭލުގެ އިންޓެލިޖެންސް އޮފިސަރުން ވަނީ މި ބޮޑު ގަތުލުއާންމަކީ ސިސްޓަމެޓިކް (ރޭވިގެން ހިންގާ) ކަމެއްގެ ގޮތުގައި ކިޔައިދީފައި. އެއީ އޮޅުމަކުން ވާކަމެއް ނޫން، ނަމަވެސް އެއީ ގަސްދުގައި، މެރުމުގެ އަމަލުތަކާއި ފަލަސްތީނުންގެ ދަރިކޮޅު އެއްކޮށް ނައްތާލުމުގެ މައްޗަށް ބިނާކޮށްފައިވާ ސިޔާސަތުތަކެއް،" ޑައިރެކްޓަރު އަބްރަހަމް ބުނެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މި ފިލްމުގައި ނަން ހާމަނުކޮށް ދީފައިވާ ބަޔާންތަކަށް ފާޑުކިޔައި، ވިސްލްބްލޯވަރުންގެ މައުލޫމާތު "ކަށަވަރު ނުކުރެވޭނެ" ކަމަށް ބުނެފަ އެވެ. އިޒްރޭލުން އާންމުންނަށް ގަސްދުގައި ހަމަލާދޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރި އެވެ.

ފަލަސްތީނުގެ ހަމާސްއިން އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 1,221 މީހުން މަރާލި ކަމަށް އޭއެފްޕީގެ ހިސާބުތަކުން ދައްކަ އެވެ. އަދި ހަނގުރާމަވެރިން 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަކަން ވެސް އެނގެ އެވެ. އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ޣައްޒާގައި ހިންގާ ޖަރީމާގައި 73,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. -- އޭއެފްޕީ