އެއްޗެހީގެ ލޮކޭޝަން ދައްކައިދޭ "ފައިންޑަަ ޓެގް" އަކާއި، ނޭވާލުމުގެ މައްސަލަތައް ދެނެގަނެވޭނެ ގޮތަށް އަޕްގްރޭޑްކޮށްފައިވާ އަތުކުރި ގަޑިއެއްގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެންމެ ފަހުގެ ގާބިލުކަންކަން އެކުލެވޭ ސްމާޓްފޯނެއް މި މަހު ބާޒާރަށް ނެރެން ގޫގުލް އިން ތައްޔާރުވެއްޖެ އެވެ.
ނިއު ޔޯކްގައި ބުދަ ދުވަހު ބާއްވާ ހާއްސަ އިވެންޓުގައި މި އުފެއްދުންތައް ދައްކާލާއިރު 2021 ވަނަ އަހަރުން ފެށިގެން އެޕަލްއިން ވިއްކަމުން އަންނަ "އެއާޓެގް" އާ ވާދަކުރާނެ "ޕިކްސެލް ޓެގް" އޭގެ ތެރޭގައި ހިމެނެ އެވެ. މި ޓެގް 29.99 ޑޮލަރަށް ވިއްކަން ނިންމާފައި ވާއިރު މިއީ އެންޑްރޮއިޑް ފޯނުތަކާ ގުޅުވާލައިގެން، ވޮލެޓު ނުވަތަ ދަބަސް ފަދަ އަގުހުރި ތަކެތި ހުރި ތަން ހޯދުމަށް ބޭނުންކުރެވޭނެ ޑިވައިސްއެކެވެ.
ގޫގުލްގެ ޕްރޮޑަކްޓް މެނޭޖަރު ސްޕެންސަ ބޫން ވިދާޅުވި ގޮތުގައި މި ޓެގަކީ، ސޯފާ ދަށަށް ވެއްޓޭ ތަޅުދަނޑީގައި ހަރުކޮށްފައިވާ ނަމަ ސީދާ އެ ލޮކޭޝަން ދައްކައިދޭ، ލޮކޭޝަން ވަރަށް ސައްހަކޮށް ދައްކައިދޭނެ އެެއްޗެކެވެ.
މީގެ އިތުރުން، ގޫގުލްއިން "ޕިކްސެލް ވޮޗް 5" ވެސް، ރާއްޖެއަށް މިރޭ މެންދަމުން އަލިވެ 3:00 ގައި ފަށާ އިވެންޓުގައި ދައްކާލާނެ އެވެ. މި ގަޑީގެ ފީޗާތަކުގެ ތެރޭގައި، ސަބްވޭއިން ދަތުރުކުރާއިރު މަންޒިލަށް ބާކީ އޮތް ސްޓޭޝަންތަކުގެ އަދަދު ބަލާލުމާއި، ގަޑި އަޅައިގެން ހުންނަ މީހާއަށް ނިދޭ ވަގުތު ބަލައި، އަޑުއަހަމުންދާ އޯޑިއޯބުކް ނުވަތަ ޕޮޑްކާސްޓް ވަގުތުން މެދުކަނޑާލުން ހިމެނެ އެވެ. ހިތުގެ މައްސަލައެއް އުޅޭ ނަމަ އެމްބިއުލަންސަށް ގުޅައިދޭ ފީޗާ ކުރީގެ ޕިކްސެލް ގަޑިތަކުގައި ހިމަނާފައި ވާއިރު އާ ގަޑީގައި ވަނީ ހަށިގަނޑަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބި ނޭވާލުމުގެ މައްސަލަ އުޅޭނެ ނަމަ އެކަން ދެނެގަތުމުގެ ގާބިލުކަން އިތުރުކޮށްފަ އެވެ.
އާ "ޕިކްސެލް 11" ސްމާޓްފޯނުގައި ގޫގުލް ޖެމިނައި އޭއައިގެ ފަހުގެ ކުރިއެރުންތައް އެކުލެވިގެންވެ އެވެ. ގޫގުލްގެ ޕްރޮޑަކްޓް ލީޑަރު ޖަސްޓިން ސަވިޗް ވިދާޅުވި ގޮތުގައި މި ފޯނަކީ "އަމިއްލައަށް ކުރަންޖެހޭ މަސައްކަތް މަދުކޮށް، ގިނަ ކަންތައްތަކެއް ކޮށްދިނުމަށް" ހާއްސަކޮށް އުފައްދާފައިވާ ފޯނެކެވެ. ފްލައިޓް އަންނާނެ ވަގުތާ ބެހޭ ގޮތުން ސުވާލުކޮށް އަންނަ މެސެޖުތަކަށް އަމިއްލައަށް ޖަވާބުދިނުމާއި، ދެކެވޭ ވާހަކައަކަށް ބަލައި ރެސްޓޯރެންޓްތަކުން ޖާގަ ރިޒާވްކޮށްދިނުން ފަދަ ކަންކަން މި ސިސްޓަމް މެދުވެރިކޮށް ކުރެވޭނެ އެވެ.
އަދި އެކި ވާހަކަތައް އެއްކޮށްލައި ސާފު، ކުރު މެސެޖުތަކަށް ބަދަލުކޮށްދިނުމުގެ ގާބިލުކަން ވެސް މީގައި ހިމެނެ އެވެ.
މި އުފެއްދުންތަކަށް ބުދަ ދުވަހުން ފެށިގެން އޯޑަރު ކުރެވޭނެ އެވެ. މި މަހުގެ އޮގަސްޓް 20 އިން ފެށިގެން ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
ޕިކްސެލް 11 ފޯނުގެ އަގު އުޅެނީ 899 ޑޮލަރު އާއި 1,899 ޑޮލަރާ ދެމެދުގަ އެވެ. އަދި ޕިކްސެލް ގަޑީގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. ޗެޓްޖީޕީޓީ 2022 ގެ ފަހުކޮޅު ތައާރަފުވުމާ އެކު ގޫގުލްއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ނަމަވެސް، 2024 ގެ ތެރޭގައި އައި ކުރިއެރުންތަކާ އެކު، ގޫގުލް ވަނީ ޖެނެރޭޓިވް އޭއައިގެ ދާއިރާއިން އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏަށް ވެފަ އެވެ. -- އޭއެފްޕީ