ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާ އެކު ހުރިހާ ވިޔަފާރިއަކާއިމާލީ މުއާމަލާތްތަކެއް މެދުކަނޑާލައިފި އެވެ.
މި ނިންމުން ޔޫއޭއީގެ ފޮރިން މިނިސްޓްރީން އިއްޔެ އިއުލާނުކުރީ އީރާނުން ޔޫއޭއީއަށް ދެ މިސައިލް ފޮނުވާލި ކަމަށް ބުނެފައި ވަނިކޮށެވެ. މިފަދަ ހަމަލާއެއް ނުދޭ ކަމަށް އީރާނުން ބުނި ފަހުން ޔޫއޭއީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ސީދާ ޔޫއޭއީއަށް އަމާޒުކުރި މިސައިލްތަކެއް ނޫން ކަމަށާއި އެއީ ކަނޑުދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށްފައިވާ ހަމަލާތަކެއް ކަމަށެވެ. އޭގެ ތެރެއިން އެއް މިސައިލް ވެއްޓުނީ ޔޫއޭއީގެ ކަނޑުގެ ސަރަހައްދުން ބޭރަށް ކަމަށާއި އަނެއް މިސައިލް ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް ވެސް ބުންޏެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ބައިނަލްއަގުވާމީ ސުލްހަމަސަލަސްކަމަށް ނުރައްކާވަމުންދާތީ އީރާނާ ދެކޮޅަށް އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.
މި ނިންމުމަކީ ޔޫއޭއީ އާއި އީރާނުގެ ގުޅުމަށް އައި ވަރަށް ބޮޑު ލޮޅުމެކެވެ. ސަބަބަކީ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި އީރާނުން އަބަދުވެސް ދުބާއީ އަކީ އެގައުމުގެ "ބެކްޑޯ" ނުވަތަ ސިއްރު މާލީ މަރުކަޒެއްގެ ގޮތުގައި ބިލިއަން ޑޮލަރުގެ ވިޔަފާރި ހިންގަން ބޭނުންކުރާ ތަނަކަށް ވުމެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުނި، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ އުޅަނދުތަކަކަށް މި މަހު ކުރީކޮޅު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ހަމަލާ ދިން މައްސަލައެއް ވެސް ކުރިން ވަނީ ހޫނުވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ފަހު، އީރާނުން ބަދަލު ހިފުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތަކުގައި ޔޫއޭއީ އަކީ ބޮޑު އަމާޒެކެވެ. ޖޫން މަހުގެ މެދުތެރޭގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި އެއްބަސްވުން ވެސް އުވިފައި ވާއިރު މަސްރަހު އޮތީ ލަފާކުރަން ނޭނގޭ ހާލަތެއްގަ އެވެ.