އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ނަމަވެސް އެންމެ ގޯސް ހާލަތަކަށް ވެސް ގައުމު އޮތީ ތައްޔާރަށް ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިއަދު ބުނެފި އެވެ.

ބަހްރައިންގެ މަނާމާގައި ބޭއްވި ކޮންފަރެންސެއްގައި ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ، ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމައިގެ އާ ބުރެއް ފެށުމަކީ މުޅި ސަރަހައްދުގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށެވެ.

"އަހަރެމެން މި އުއްމީދުކުރަނީ ސިޔާސީ ހައްލެއް [ޑިޕްލޮމެޓިކް ބްރޭކްތްރޫއެއް] ލިބޭނެ ކަމަށް. ނަމަވެސް ކުރިން ވެސް ސާބިތުކޮށްދީފައިވާނޭ ފަދައިން، އެންމެ ގޯސް ހާލަތަކާ ކުރިމަތިލާން ޖެހުނަސް އަހަރެމެން މިތިބީ ތައްޔާރަށް،" ގަރްގާޝް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގައި، އީރާނުން ވަނީ އެމެރިކާއާ ގާތްގުޅުން ބާއްވާ ގަލްފުގެ ބައެއް ގައުމުތަކަށް ވެސް ރައްދު ހަމަލާތައް އަމާޒުކޮށްފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ގަތަރުގެ ވަފުދެއް މި ހަފުތާގައި އީރާނަށް ޒިޔާރަތްކުރުމާ ގުޅިގެން، އީރާނުން ވެސް ވަނީ އެމެރިކާއާ އެކު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގަލްފުގެ ގައުމުތަކަށް މަންދޫބުން ފޮނުވަން ފަށައިފަ އެވެ.

މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އީރާނުގެ ބައެއް އަމާޒުތަކަށް އަދިވެސް ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު އާކުރައްވައިފަ އެވެ. މިކަމާ ގުޅިގެން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ ނިއާ އީސްޓަން އެފެއާޒް ޑޮނަލްޑް ބްލޯމް ވިދާޅުވީ، އީރާނުން މުޅި ސަރަހައްދާއި ދުނިޔޭގެ އިގްތިސާދު ރަހީނުކުރަން އެމެރިކާއިން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ވާހަކަދެއްކުމުގެ ދޮރު އަދިވެސް ހުޅުވިފައިވީ ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އެހެން މިސްރާބަކަށް ދާން ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، އީރާނަށް އާ ހަމަލާތަކެއް ދިނުމާ މެދު ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. އަދި ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާއިން އަދިވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.