އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދެ ފިރިހެން ދަރިންގެ ތެރެއިން އެކަކު މަރާލަން އީރާނުން މަސައްކަތްކޮށްފައިވާ ކަމަށް ނަތަންޔާހޫ ހޯމަ ދުވަހު ބުނެފި އެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރެ އެވެ.
"ވަރަށް ގަބޫލުކުރަން ދަތި ކަމެއް ހިނގައިފި: އީރާނުން އަމާޒުކުރީ މަގޭ ދަރިއަކަށް. އީރާނުން ބޭނުންވީ މަގޭ ދަރިއަކު މަރާލަން،" އިޒްރޭލުގެ ޗެނަލް 14 އަށް ދިން ފޯނު އިންޓަވިއުއެއްގައި ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ މި ތުހުމަތު ކޮށްފައި މި ވަނީ، ކުރިއަށްއޮތް އިންތިހާބުގައި އޭނާއާ ވާދަކުރާ އަދި ސިފައިންގެ ކުރީގެ ވެރިޔާ ގާދީ އައިސެންކޮޓަށް ސެކިއުރިޓީ ދިނުމަށް އެތެރޭގެ ސެކިއުރިޓީ އޭޖެންސީ (ޝިން ބެއިތު) އިން ދެކޮޅުހެދި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.
އައިސެންކޮޓަށް 24 ގަޑިއިރު ސެކިއުރިޓީ ދިނުމަށް ތާއީދުކޮށް ނަތަންޔާހޫ ބުނީ، އެއީ "އިސްރާފެއް ނޫން" ކަމަށެވެ.
"އެކަން ނުކޮށްފި ނަމަ، (އީރާނުން) އެކަން ކާމިޔާބު ކުރާނެ،" އޭނާ ބުންޏެވެ.
ނަތަންޔާހޫގެ ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ހުންނައިރު، އީރާނުގެ އަމާޒަކީ ކޮން ދަރިއެއް ކަމެއް ސާފެއް ނުވެ އެވެ. އޭނާގެ ދޮށީ ފިރިހެން ދަރި، އުމުރުން 35 އަހަރުގެ ޔާއިރު ނަތަންޔާހޫ، 2024 ގެ ކުރީކޮޅުން ފެށިގެން ގިނައިން އުޅެނީ އެމެރިކާގެ މަޔާމީގަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭނާއަށް ސެކިއުރިޓީ ފޯރުކޮށްދެނީ ޝިން ބެއިތުންނެވެ.
އޭނާ އެމެރިކާގައި އުޅޭތީ އިރު ޓެކްސް ދައްކާ މީހުންގެ ފައިސާއިން ސެކިއުރިޓީގެ ހަރަދުތައް ހަމަޖައްސާތީ އިޒްރޭލުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެ އެވެ. އަދި ސައުތު ފްލޮރިޑާގެ ބައެއް އާންމުން ވަނީ އޭނާ އެތަނުގައި ހުރުމުގެ ސަބަބުން އިޒްރޭލުގެ ދުޝްމަނުންގެ ހަމަލާތަކެއް އެ ސަރަހައްދަށް އަމާޒުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަތަންޔާހޫގެ މި ވާހަކަތައް އާންމުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އިޒްރޭލުގެ މަޝްހޫރު ނޫސްވެރިޔާ އަމިތު ސެގާލް އޭނާގެ ޓެލެގްރާމް ޗެނަލްގައި ބުނީ، މިއީ މީގެ "މަސްތަކެއް" ކުރިން ހިނގާފައިވާ ކަމެއްކަން އެނގިފައިވާ ކަމަށާއި ނަމަވެސް މިއީ ސިއްރުކުރުމުގެ އަމުރެއް ނުވަތަ ގެގް އޯޑަރެއްގެ ދަށުން މަނާކޮށްފައި އޮތް ވާހަކައެއް ކަމަށް ބުނެފަ އެވެ.
އެމެރިކާއާއި އިޒްރޭލު ގުޅިގެން ފެބްރުއަރީ 28 ގައި ދޭންފެށި ހަމަލާތަކުގެ ފުރަތަމަ ބުރުގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ވަނީ އަވަހާރަކޮށްލައިފަ އެވެ. ޚާމަނާއީގެ ހަ ދަރިކަލުންގެ ތެރެއިން މުޖުތަބާ ޚާމަނާއީ، އީރާނުގެ އާ ރޫހީ ލީޑަރުގެ މަގާމަށް އައްޔަންކުރީ އޭގެ ހަފުތާއެއް ފަހުންނެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް އާންމުކުރި މެސެޖެއްގައި މުޖުތަބާ ޚާމަނާއީ ވަނީ، ބައްޕާފުޅުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި، ދައްތައިންނާއި އެ ބޭބޭފުޅުންގެ ދަރިންގެ އިތުރުން ޅިޔަނެއް ވެސް އަވަހާރަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. މަގާމަށް އައްޔަންކުރި ފަހުން މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އަދި ބައްޕާފުޅު އަވަހާރަވި ހަމަލާގައި އޭނާއަށް ވެސް އަނިޔާވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައްޕާފުޅުގެ ޖަނާޒާގެ ރަސްމިއްޔާތާ ގުޅުވައިގެން އާންމުކުރި އެހެން މެސެޖެއްގައި، އަލީ ޚާމަނާއީގެ "ލޭގެ ބަދަލު ހިފާނެ" ކަމަށް މުޖުތަބާ ވަނީ ވައުދުވެވަޑައިގެންފަ އެވެ. -- އޭއެފްޕީ