އިންޑިއާގައި ކުއްލިއަކަށް ހަކުރުގެ އަގު އުފުލި ޝަކުވާ ބޮޑުވެއްޖެ އެވެ.
ކުރިއަށް އޮތް ހާއްސަ މުނާސަބަތުތަކާ ދިމާކޮށް އިންޑިއާގެ ބާޒާރުގައި ހަކުރު ކިލޯއެއްގެ އަގު ވަނީ 45-50 ރުޕީސްއިން 65-70 ރުޕީސްއަށް (ގާތްގަނޑަކަށް 40 ޕަސެންޓަށް) އުފުލިފަ އެވެ.
މަހާރާޝްޓްރާ، ކަރްނާޓަކާ އަދި އުއްތަރު ޕްރަދޭޝް ފަދަ ސްޓޭޓްތަކަށް މޫސުން ބޮޑަށް ގޯސްވުމާއި ދަނޑުތަކަށް ބަލި ޖެހުން ފަދަ ކަންކަމުގެ ސަބަބުން ހަކުރު އުފެއްދި މިންވަރު ލަފާކުރި ވަރަށް ވުރެ ވަނީ ދަށްވެފަ އެވެ. އަދި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން ވަނީ، ރައްކާކޮށްފައިވާ ހަކުރުގެ ސްޓޮކް ވޭތުވެދިޔަ ނުވަ އަހަރު ތެރޭގައި ވެސް ދަށްނުވާ މިންވަރަކަށް (3.3 - 3.5 މިލިއަން ޓަނަށް) ދަށްވެފަ އެވ.
މި ހާލަތު ދިމާވެފައި ވަނިކޮށް، އަގު އިތުރަށް ބޮޑުވެދާނެ ކަމަށް ބަލައި ބޮޑެތި ވިޔަފާރިވެރިންނާއި ކާރުހާނާތަކުން ގިނައިން ހަކުރު ގަނެ ރައްކާކުރަން ފެށުމާ އެކު ކުއްލިއަކަށް އަގު އަރައިގެން ދިޔައީ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޑިއަން ޝުގާ އެންޑް ބަޔޯ-އެނާޖީ މެނުފެކްޗަރާސް އެސޯސިއޭޝަން (އިސްމާ) ގެ ރައީސް ނީރަޖް ޝިރްގާއޯކަރް ވިދާޅުވި ގޮތުގައި، އިންޑިއާގައި ހަކުރުގެ ތާށިކަމެއް ނެތެވެ. އޭނާ ވިދާޅުވީ ކާރުހާނާތަކުން ގަސްތުގައި އަގު ބޮޑުކުރަން ހަކުރުގެ ސަޕްލައި ދަށްކޮށްފައި ނުވާނެ ކަމަށާއި، ސެޕްޓެމްބަރު މަސް ނިމޭއިރު 3.5 މިލިއަން ޓަނުގެ ސްޓޮކެއް ހުންނާނެ ކަމަށެވެ. އަދި އޮކްޓޯބަރު 15 ގައި އަލުން ހަކުރު އުފައްދަން ފެށުމުން ބާޒާރަށް އިތުރު 1 - 1.2 މިލިއަން ޓަނުގެ ހަކުރު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަކުރުގެ އަގު ބޮޑުވުމުން ސަރުކާރުން މިހާރު ވަނީ ރޯ ހަކުރުގެ އިމްޕޯޓް ޑިއުޓީ ވެސް ކަނޑާލައިފަ އެވެ. އެއް މިލިއަން ޓަނުގެ ރޯ ހަކުރަށް އިމްޕޯޓް ޑިއުޓީ ކަނޑާލާފައި ވާއިރު މިއީ ފާއިތުވި 10 އަހަރު ތެރޭ މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. ވިޔަފާރިވެރިން ގިނައިން ހަކުރު ރައްކާކުރުން ހުއްޓުވުމަށްޓަކައި، ބޮޑެތި ވިޔަފާރިވެރިންނަށް ގިނަވެގެން ރައްކާކުރެވޭނީ 400 ޓަނު ކަމަށް ވެސް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން ހަކުރު އެކްސްޕޯޓްކުރުން ވެސް މެއި މަހު ވަނީ ސެޕްޓެމްބަރު މަހާ ހަމައަށް މަނާކޮށްފަ އެވެ.
ހަކުރު އުފައްދާ ކާރުހާނާތަކުގެ ޖަމިއްޔާއިން ބުނާ ގޮތުގައި ސަރުކާރުގެ މި ފިޔަވަޅުތަކާ އެކު މިހާރު ބާޒާރުގައި ހަކުރުގެ އަގުތައް މަޑުމަޑުން ތިރިވާން ވަނީ ފަށައިފަ އެވެ.