އިންޑިއާގައި، ހަ މަހުން ދަށުގެ ކުޑަކުދިންނަށް ތައްޔާރުކުރާ ކާނާގެ ބާވަތްތަކުގައި ސުކްރޯޒް އަދި ފްރުކްޓޯޒް (އެޑެޑް ޝުގާ) އެޅުން މަނާކުރުމަށް އެ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ މައި އިދާރާއިން ހުށަހަޅައިފި އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުތައް ބުނާގޮތުން، ކުޑަކުދިންގެ ކާނާގައި ކާބޯހައިޑްރޭޓްސްގެ މައިގަނޑު ބާވަތެއްގެ ގޮތުގައި ބޭނުންކުރަން އިސްކަންދެނީ ލެކްޓޯޒް އަދި ގްލޫކޯޒް ޕޮލިމާސް އެވެ. ނަމަވެސް، ވަކި މިންގަނޑުތަކެއްގެ ތެރޭގައި ސުކްރޯޒް އާއި ފްރަކްޓޯޒް ބޭނުންކުރުމުގެ ހުއްދަ ކުރިން އޮންނަނީ ދީފަ އެވެ.
ފޫޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ބުނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ކާނާގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކޮށް، ކުޑައިރު ފަލަވުމުގެ މައްސަލަ އާއި އެއާ ގުޅިގެން ދިމާވާ ސިއްހީ ނުރައްކާތަކުން ކުދިން ރައްކާތެރިކުރުން ކަމަށެވެ. އެ އިދާރާގެ މިހާރުގެ މިންގަނޑުތައް އެކުލެވިގެންވަނީ އުފަންވާ ދުވަހުން ފެށިގެން 24 މަހާ ދެމެދުގެ ކުދިންގެ ކާނާގެ ނިއުޓްރިޝަން، ފެންވަރު އަދި ރައްކާތެރިކަމުގެ މައްޗަށެވެ.
މިއީ އިންޑިއާގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މީގެ ކުރިންވެސް މިންގަނޑަށް ނުފެތޭ އާންމު ކެފޭތަކާއި މަޝްހޫރު ރެސްޓޯރަންޓްތަކުގެ ހިދުމަތްތައް ވަނީ ހުއްޓުވައިފަ އެވެ. އަދި ބަންދުކޮށްފައި ހުންނަ ކާބޯތަކެތީގެ ބޭރުގައި އިންޒާރުގެ ލޭބަލް ޖެހުމަށް ކުރާ މަސައްކަތުގެ ސަބަބުން، 100 ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންޑިއާގެ ޕެކޭޖްޑް ފޫޑް އިންޑަސްޓްރީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ.
ސިއްހީ ދާއިރާގެ މާހިރުންނާއި އޮފިޝަލުން އަންނަނީ ކުޑަކުދިންގެ މެދުގައި ފަލަވުމުގެ މައްސަލަ އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޝްހޫރު މެޑިކަލް ޖާނަލް "ދަ ލޭންސެޓް" ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، 2021 ވަނަ އަހަރު، އިންޑިއާގައި ބަރުދަން އިތުރުވެފައިވާ ނުވަތަ ފަލަ މީހުންގެ އަދަދު 180 މިލިއަނަށް އަރަ އެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު މި އަދަދު 450 މިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެފްއެސްއެސްއޭއައި އާއި ބައެއް ސްޓޭޓްތަކުގެ ރެގިއުލޭޓަރުން ވަނީ ފަހަކަށް އައިސް، ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން، ތަންތަން ފާސްކޮށް ބަލައިފާސްކުރާ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، މިދިޔަ އޯގަސްޓް މަހު އެފްއެސްއެސްއޭއައި އިން ވަނީ ހަކުރު، ލޮނު ނުވަތަ ސެޗުރޭޓެޑް ފެޓްގެ މިންވަރު މަތި ކާބޯތަކެތީގެ ޕެކެޓްތަކުގައި ރަތް ކުލައިން ފާހަގައެއް ޖެހުމަށް ހުށަހަޅައިފަ އެވެ. އަދި އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ އޮތޯރިޓީން ވަނީ، މީގެ އެންމެ މާއްދާއެއް ވެސް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުވާ ނަމަ އިންޒާރުގެ ލޭބަލް ޖަހަންޖެހޭގޮތަށް އުސޫލު އިތުރަށް ހަރުކަށިކޮށްފަ އެވެ.