ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ކުއްލިއަލަށް ފެންބޮޑުވެ ނުރައްކާ ހާލަތަކަށް ގޮސް 380 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް މިއަދު ބުނެފި އެވެ.

މި ހާދިސާ ހިނގީ ފަރުބަދަތަކުގެ މަތީގައި ގަނޑުފެނުގެ ބޮޑު ބައެއް ވާދީގެ ތެރެއަށް ވެއްޓުމަށް ފަހުގަ އެވެ. ގަނޑުފެންތައް ނުވަތަ ގްލޭސިއާގެ ބޮޑުކަމާއި އެ ވެއްޓުނު ބާރުމިނުގެ ސަބަބުން 5.2 މެގްނިޓިއުޑްގެ ލޮޅުމެއް ވެސް ބިމަށް އެރި އެވެ. އެހެންވެ މި ހާދިސާ ހިނގީ ބިންހެލުމެއްގެ ސަބަބުން ކަމަށް ފުރަތަމަ ބެލެވުނެވެ. 

ފޭބި ކުނިބުންޏާއި، ވިރުނު ފެނާއި، އަދި ކޯރުގެ ފެން އެއްވެ، ބާރު ދުވެއްޔެއްގައި ބިޔަ ސައިލެއްގެ ސިފައިގައި ތިރިއަށް ދެމިގަތީ އެވެ. ފެނާއި ކިސަޑުގެ މި ސައިލު ދެމިގެން ދިޔައިރު  130-160 ފޫޓު އުސްމިން ހުރުމުން އެ ދިޔަ މަގުތައް އެކީ ހަލާކުވި އެވެ.

ނޭޕާލްގެ ފުލުހުން އާންމުކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ފެންގަނޑު ބޮޑުވެ ކެކެމުން އައި ފަދަޔަކުން ގޮސް، ފެނާ އެކު ގެތަށް ވެސް އޮޔާ ދަމައިގަނެ އެވެ. އަދި އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތައް ކިސަޑުގެ ތެރޭގައި ވަޅުލެވި ހަމައެކަނި ފެންނަނީ އެންމެ މަތިން ތަންކޮޅެކެވެ. 

"ޓޫރިޒަމާ ބެހޭ އެޖެންސީތަކުންނާއި ޓްރެވަލް ކުންފުނިތަކުން މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އަސަރުކުރި ސަރަހައްދުތަކުން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 384 ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 291  މީހަކާއި ނޭޕާލުގެ 93 މީހަކު ހިމެނެއެވެ،" ނޭޕާލް ޓޫރިޒަމް ބޯޑުން ބުނެފައިވެ އެވެ.

ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ މީހުންނަށްވީ ގޮތެއް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފެންބޮޑުވުމުގެ ހާދިސާއަށް ފަހު، މަދުވެގެން އަށް މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ ގެއްލިފައިވާ ޓޫރިސްޓުންގެ ތެރޭގައި ހިމެނޭ މީހުންކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މަގުބޫލު "ލަންގްޓަންގް" ޓްރެކިން ފެށޭ ސަރަހައްދު ކަމަށްވާ ސިއާބްރުބެސީ އަށާއި، ހިންދޫންގެ މުގައްދަސް ސަރަހައްދެއް ކަމަށްވާ "ކައިލާޝް މަންސަރޯވަރު" އަށް ޒިޔާރަތްކުރާ މީހުން ގޮސްއުޅޭ  ސަރަހައްދުތަކަށެވެ.

ފުލުހުންގެ ތަރުޖަމާނަކު އޭއެފްޕީއަށް ކުރިން ބުނެފައިވަނީ، ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލު އަދި ސާފުނުވާ ކަމަށާއި، ނަމަވެސް "ކޯރުގެ ކައިރީގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުވުމަށް އަންގައި ސަމާލުކަމަށް ގެނެސްފައިވާ" ކަމަށެވެ. -- އޭއެފްޕީ