ފެންބޮޑުވުމުގައި ސާކުގެ ތިން ގައުމުން 1،200 މީހުން މަރު

ނިއު ދިއްލީ (އޮގަސްޓް 27) - ދެކުނު އޭޝިއާ އަށް މިހާރު ކުރާ ވިއްސާރައިގައި އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލުން 1،200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


މި ތިން ގައުމަށް ވަނީ ޖޫން މަހުން ފެށިގެން ވިއްސާރައިގައި ތަފާތު ގެއްލުންތައް ލިބިފަ އެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނެފައި ވަނީ ދެކުނު އޭޝިއާ އަށް މި އަހަރު ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް މާ ބޮޑު ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ފެންބޮޑުވެފައިވާ ބިހާރު ސްޓޭޓުގެ މަތިން ދަތުރު ކުރައްވާ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. އަދި އެހީގެ ގޮތުގައި އެ ސްޓޭޓަށް 78 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ބިހާރުގެ އޮފިޝަލުން ބުނެފައި ވަނީ ފެންބޮޑުވުމުގައި އެ ސްޓޭޓުން 379 މީހުން މަރުވެފައިވާ ކަމަށެވެ. ގިނަ ބަޔަކަށް ވަނީ ވަގުތީ ހިޔާތަކުން ރައްކާތެރިކަން ދޭން ޖެހިފަ އެވެ.

އަވަށްޓެރި އުއްތަރަ ޕްރަދޭޝް ސްޓޭޓުން ވަނީ 88 މީހުން މަރުވެފަ އެވެ. އަދި 220 މިލިއަން މީހުން ހިމެނޭ ސްޓޭޓުގެ ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ފެންބޮޑުވުމުގެ ގެއްލުންތައް ލިބިފަ އެވެ.

ފެންބޮޑުވުމުގައި ނޭޕާލުން ވަނީ 150 މީހުން މަރުވެ 90،000 ގެ ހަލާކުވެފަ އެވެ. ބަންގްލަދޭޝް އިން ވަނީ 134 މީހުން މަރުވެފަ އެވެ. އަދި ފެންބޮޑުވުމުގެ ގެއްލުން ވަނީ 5.7 މިލިއަން މީހުންނަށް ކޮށްފަ އެވެ. މީގެ އިތުރުން 10،583 ހެކްޓަރުގެ ދަނޑުއެކުގައި ހަލާކުވެ 600،587 ހެކްޓަރުގެ ދަނޑުބިމަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.