ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކުއްލި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަންނަން "އެތައް ބިލިއަން ޑޮލަރެއް" ހޭދަވުން އެކަށީގެންވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
"އަލުން އާރާސްތުކުރުމަށާއި އާންމު ހާލަތަށް ގެނައުމަށްޓަކައި ބިލިއަނުން ޑޮލަރު ހޭދަވެދާނެ،" ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ކަތަމަންޑޫގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވި އެވެ.
"ލިބުނު ގެއްލުންތަކުގެ ދިރާސާއެއް ހެދުމަށްފަހު އަޅުގަނޑުމެން ޕްލޭންކުރާނަން. ނަމަވެސް، އެހީތެރިކަމަށް އެދި އަޅުގަނޑު މިދަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދެމުން،" ޚާނާލް ވިދާޅުވި އެވެ. "މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މީހުން ސަލާމަތްކުރުމަށާއި ވީހާވެސް ގިނަ ފުރާނަ ސަލާމަތްކުރުމަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަމުން ސަރުކާރުގެ ގާބިލުކަމަށްވުރެ ކަންކަން ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ރެސްކިއު ޓީމުތަކުން މިހާތަނަށް 626 މީހުންގެ ހަށިގަނޑު ހޯދާފައިވާއިރު، 2,426 އަށްވުރެ ގިނަ މީހުން ނޭޕާލުން ވަނީ ގެއްލިފަ އެވެ. ފެނުނު ހަށިގަނޑުތައް ދެނެގަނެ، ކުނި ނުވާ ގޮތަށް ބެހެއްޓުމަށް ހާއްސަ އެހީތެރިކަމަކަށް ޚާނާލް ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން ވަނީ ވަކި ހާއްސަ އެހީތެރިކަން ފޯރުކޮށްދެވޭނެ އެކުވެރި ގައުމުތަކުގެ އެހީއަށް އެދިފައި، އެހީއަށް އެދުނީ ހަމައެކަނި މީހުން ސަލާމަތްކުރުމުގެ މަސައްކަތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
"ކޯރުގެ ތިރީގެ ސަރަހައްދުތަކުން އެތައް ސަތޭކަ ބައެއްގެ ހަށިތައް ފެނިފައިވާއިރު، މި ހަށިގަނޑުތައް ގިނަ ދުވަސްތަކެއް ވަންދެން ފެނުގައި ހުރުމުގެ ސަބަބުން އަވަހަށް ކުނިވުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
"މި ހަށިގަނޑުތައް ގިނަ ދުވަހު ފިނިކޮށްފައި ބެހެއްޓުމަށް އަޅުގަނޑުމެންގެ ސިއްހީ ދާއިރާގައި ގާބިލުކަން ވަރަށް ކުޑަ،" ޚާނާލް ވިދާޅުވި އެވެ.
"އެހެންވެ، މި ކާރިސާގައި މަރުވި މީހުންގެ އާއިލާތައް ހޯދެންދެން... ފްރިޖް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ އެދެމުން." އަދި "އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އުފުލާ ކަހަލަ ފްރީޒަރު ޓްރަކް" ގެނައުމާމެދު ވެސް ސަރުކާރުން ވިސްނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ފެންނަ ހަށިތައް ދެނެގަތުމަކީ ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
"އަޅުގަނޑުމެންނަށް ފޮރެންސިކް ގާބިލުކަން ބޭނުންވޭ،"
"ޑީއެންއޭ ސާމްޕަލް ނެގުމާއި، ޑީއެންއޭ ޓެސްޓުކުރުމާއި، ރިޕޯޓު އެކުލަވާލުން -- ނޭޕާލުގައި ފޮރެންސިކް ގާބިލުކަން ހުރީ ކުޑަކޮށް."