ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ފަރުބަދަމާތީ ސަރަހައްދަށް މިދިޔަ ބުދަ ދުވަހު އައި ކުއްލި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީތެރިވުމަށް ބޮލީވުޑްގެ އެކްޓްރެސް މަނީޝާ ކޮއިރަލާ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފި އެވެ.
ވެރިރަަށް ކަތުމަންޑޫގައި ބޭއްވި "އިން ސޮލިޑާރިޓީ ވިތު ނޭޕާލް" ހަރަކާތުގައި، ނޭޕާލަށް އުފަން މަނީޝާ ބުނީ ދުނިޔޭގެ ފިނިހޫނުމިން މަތިވުމުގެ މައްސަލައަކީ ހަގީގަތެއް ކަމަށާއި އޭގެ ނުރައްކާ އޮތީ މާ ދުރުގައި ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކާރިސާތަކުން ރައްކާތެރިވުމަށް އަވައްޓެރި ތިން ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާ އަދި ނޭޕާލް ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން، ނޭޕާލަކީ ހަމައެކަނި މި ކަހަލަ ބޮޑެތި ކާރިސާތައް ތަހައްމަލުކުރާ ގައުމެއްގެ ގޮތުގައި ސިފަވުމަށް ބޭނުން ނުވާ ކަމަށާއި އެ ގައުމުގެ ރީތި މޫސުމާއި ހިމާލަޔާ ފަރުބަދަތަކާއި ސަގާފަތާއި ގުދުރަތީ ރީތިކަން ދެކިލުމަށް ކުރިއަށް އޮތް ތަނުގައި ޓޫރިސްޓުން ގިނައިން ޒިޔާރަތްކުރުމަށް އެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓޫރިޒަމަކީ ނޭޕާލުގެ އިގުތިސާދުގެ މައިބަދަ ކަމަށް ވާތީ، އެ ގައުމަށް ޒިޔާރަތްކުރުމަކީ ވެސް މިވަގުތު ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް މަނީޝާ ބުންޏެވެ.
ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ އަދަދު 800 އަށް އަރާފައިވާއިރު، 3،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އޭގެ ތެރޭގައި ދެ ގައުމުގެ މީހުންނާއި އެ ގައުމަށް ގޮސް އުޅުނު ޓޫރިސްޓުން ވެސް ހިމެނެ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީ ބުނެފައިވާ ގޮތުގައި، ނޭޕާލުގައި ހާލުގައި ޖެހުނު އިންޑިއާގެ 149 މީހަކު ސަލާމަތްކޮށްފައިވެ އެވެ.