ނޭޕާލުގައި، ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 768 އަށް އަރާފައިވާ ކަމަށާއި ގެއްލިފައިވާ މީހުންގެ އަދަދު 2،500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު، އެތައް ހާސް މީޓަރެއްގެ އުސް ފަރުބަދަތަކުގެ މަތިން ގްލޭސިއާއެއް ވެއްޓި، އެއާ އެކު ހިލަ އާއި ކުނިބުނިން ކޯރުތަކުގެ ދައުރުވުން ބަންދުވުމުން އުފެދުނު ބިޔަ ކޯރުތައް ބަންޑުންވެ މުޅި ސަރަހައްދު ވަނީ ސުންނާފަތިވެފަ އެވެ.
މިއީ ކާރިސާގެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ފަސްވަނަ ދުވަހެވެ.
ގެއްލިގެން ހޯދާ މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ހައިޑްރޯޕަވަ (ފެނުން ކަރަންޓު އުފައްދާ) މަޝްރޫއުތަކުގައި މަސައްކަތްކުރާ 933 މުވައްޒަފުން ހިމެނެ އެވެ. މީގެ އިތުރުން ޓޫރިސްޓުންނާއި، ފަރުބަދައަށް އަރައި އުޅުނު މީހުން ހިމެނޭގޮތަށް ބޭރު ގައުމުތަކުގެ 589 މީހުން ގެއްލިފައިވެ އެވެ.
ނޭޕާލްގެ އަސްކަރިއްޔާ އާއި ފްރަންޓްލައިން މަސައްކަތްތެރިން ގުޅިގެން މިހާތަނަށް 3,700 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. މި ފެންބޮޑުވުމުގެ އަސަރު ޗައިނާގެ ޓިބެޓް ސަރަހައްދަށް ވެސް ވަނީ ކޮށް ފައެވެ. ޓިބެޓުން 16 މީހަކު މަރުވެ، 546 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ބޯޑަރުގައި ހުންނަ ގީރޮންގް ޕޯޓް އިމިގްރޭޝަން ކޮމްޕްލެކްސް ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެއްކޮށް ހަލާކުވެފަ އެވެ.
މަރުވެފައިވާ މީހުންގެ ހަށިތައް ގިނަވުމާއި، ހަށިގަނޑުތައް ފިނިކޮށްފައި ބަހައްޓާނެ ވަސީލަތްތައް ސަރަހައްދުގައި ނެތުމުގެ ސަބަބުން، ކަމާބެހޭ ފަރާތްތަކުން ދަނީ ޑީއެންއޭ ސާމްޕަލް ނެގުމަށްފަހު ވަގުތީގޮތުން ހަށިގަނޑުތައް ވަޅުލަމުންނެވެ.
ކޯރުގެ މަތީ ސަރަހައްދުގައި ކުނިބުންޏާއި ހިލަ ޖަމާވެގެން އުފެދިފައިވާ ޑޭމްއެއް ފަޅައިގެން ގޮސް، ދެވަނަ ފަހަރަށް ފެންބޮޑުވެދާނެ ކަމުގެ ބިރު އޮތުމާ އެކު، ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.