އެމެރިކާއިން އީރާންގެ ހުޅަނގު ދެކުނު ޕްރޮވިންސް، ޚުޒެސްތާނަށް ދިން ހަމަލާތަކުގައި އާންމުންގެ 11 މީހަކު މަރުވި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ. 

"ތިން ސަރަހައްދަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކުގައި ހަތް މީހަކު މަރުވެ އަށް މީހަކު ވަނީ ޒަހަމްވެފައި ކަމަށް ޚުޒެސްތާން ޕްރޮވިންސްގެ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓްގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވި،" އިރްނާ ނިއުސް އެޖެންސީން ބުންޏެވެ. 

ޚުޒެސްތާން ޕްރޮވިންސުން މަރުވި އަދަދު ހާމަކުރުމުގެ ކުރިން އީރާންގެ ރެޑް ކްރެސެންޓުން ވަނީ ދެކުނުގެ ސިރިކް ސަރަހައްދުގައި ކައިވެނި  ހަފްލާއެއް ކުރިއަށް ދިޔަ ތަނަކަށް އެމެރިކާގެ މިސައިލެއް އަމާޒުވެ ކުޑަ ކުއްޖަކާއި އިތުރު ތިން މީހަކު މަރުވި ކަމަށް ބުނެފަ އެވެ. އެ ހަމަލާގައި 50 މީހަކު ޒަހަމްވި ކަމަށް ވެސް ރެޑް ކްރެސެންޓުން ބުންޏެވެ. 

މީގެ ހަ މަސް ކުރިން ފެށުނު ހަނގުރާމާގައި ހަމަލާތައް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ދޭން ފެށީ އެމެރިކާއިން ބުނި ގޮތުގައި އީރާނުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ދޭން އުޅުމުންނެވެ. އީރާނުން ރައްދުގައި ވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯނުން ހަމަލާ ދީފަ އެވެ.