އެޕަލް ކުންފުނީގެ އާ ސީއީއޯ ޖޯން ޓާނަސް އިސްކޮށް ހުންނަވައިގެން ބޭއްވި ފުރަތަމަ ބޮޑު ކީނޯޓް އިވެންޓް "ސަޕްރައިޒް އެންޑް ޝައިން" ގައި މިރޭ އައިފޯން 18 ޕްރޯ އާއި ފުރަތަމަ ފަތްޖެހި އައިފޯން ދައްކާލައިފި އެވެ.
އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ފުރަތަމަ ފަތްޖެހި ފޯނު ނެރުނީ ސެމްސަންގުން މީގެ ފޯނެއް ތައާރަފްކުރިތާ ހަތް އަހަރު ފަހުން ކަމަށްވީ ވިޔަސް، މި މާކެޓުގެ ބޮޑު ހިއްސާއެއް އެޕަލްއިން ހޯދާނެ ކަމަށް ބެލެވެ އެވެ.
"އެހެން ކުންފުނިތަކުން ނެރެފައިވާ ފަތްޖެހި ފޯނުތަކަކީ ދެ ފޯނު އެކީގައި ތަތްވެފައި އޮންނަ ގޮތަށް، ވަރަށް އެހެން ކަހަލަ ގޮތަކަށް ހީވާ އެއްޗެހި،" ކެލިފޯނިއާގެ ކަޕަޓީނޯގައި ހުންނަ އެޕަލްގެ ހެޑްކުއާޓާޒްގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ދެއްކި ވީޑިއޯއެއްގައި ޓާނަސް ވިދާޅުވި އެވެ.
މި މަހު ޓިމް ކުކްގެ ބަދަލުގައި ސީއީއޯގެ މަގާމާ ހަވާލުވި، އެޕަލްގެ ހާޑްވެއާ ޑިވިޝަންގެ ކުރީގެ ވެރިޔާ ވިދާޅުވީ، އެޕަލްއިން ބޭނުންވީ "އައިޕެޑް ގޮތަށް ބޭނުންކޮށްލަން ފަސޭހަ އަދި އަސްލުކަން ހުންނަ" ބޮޑު ސްކްރީނެއްގެ ޑިވައިސެއް އުފައްދަން ކަމަށެވެ.
މީގެ އަގު ފެށެނީ 1،999 ޑޮލަރުންނެވެ.
މި ފޯނު ޑިޒައިންކޮށްފައިވަނީ އާންމު ފޯނެއްގެ ފުރިހަމަކަމާއި ޓެބްލެޓެއްގެ ބޮޑު ސްކްރީން އެއްކޮށްލައިގެން، ބޮޑު ޓެބްލެޓެއް ހިފައިގެން އުޅެން ނުޖެހި ބޮޑު ސްކްރީނެއްގެ ފައިދާ ލިބޭ ގޮތަށެވެ.
ފަތްޖެހި ފޯނުގައި ލިބޭނީ "ސްޓާ ވައިޓް" އަދި "ނައިޓް ސްކައި" ކުލަ އެވެ.
މީގައި އެޕަލް ޕެންސިލް ބޭނުންކުރެވޭ ގޮތް ވެސް މި އަހަރު ހަދާނެ އެވެ.
އޮކްޓޯބަރު 23 އިން ފެށިގެން 70 ގައުމެއްގައި މި ފޯނު ވިއްކަން ފަށާނެ ކަމަށް އެޕަލްއިން ބުންޏެވެ.
އެޕަލްއިން ވަނީ މި ފޯނުގައިވާ ކެމެރާތަކުގެ ވާހަކަ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރުން ކުރިމައްޗަށް އިންނަ ކެމެރާއަކާއި، ފަހަތުގައިވާ ދެ ކެމެރާގެ އިތުރުން އެތެރޭގެ ކެމެރާއެއް ހިމެނެ އެވެ. ފޯނު މުޅިން ހުޅުވާލައިގެން އުޅޭއިރު މި ކެމެރާތައް އެއްފަހަރާ ބޭނުންކުރެވޭނެ އެވެ.
އައިފޯން ޑުއޯގެ އަގު ފެށެނީ 1,999 އެމެރިކާ ޑޮލަރުންނެވެ. މިއީ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް8 ގެ އަގަށްވުރެ ކުޑަކޮށް ބޮޑު އަގެކެވެ. ގެލެކްސީ ފޯލްޑް8 ގެ އަގު ފެށެނީ 1,899 ޑޮލަރުންނެވެ.
އައިފޯން ޑުއޯގައި ފިޒިކަލް ސިމެއް ބޭނުމެއް ނުކުރެވޭނެ އެވެ.
އެޕަލްއިން ވަނީ "އެޕަލް އަޕްގްރޭޑް" ގެ ނަމުގައި މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ލީޒްކުރެވޭ އާ އުސޫލެއް ވެސް ތައާރަފްކޮށްފަ އެވެ. މިއީ އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފޯނުގެ އަގު ދައްކާ ނިންމާލެވޭ ގޮތެކެވެ.
މުޅި އިންޑަސްޓްރީގައި، ފަތްޖެހޭ ސްމާޓް ފޯނެއް ފުރަތަމަ ނެރުނީ "ގެލެކްސީ ފޯލްޑް" ގެ ނަމުގައި ސެމްސަންގުން 2019 ގަ އެވެ.
މާކެޓަށް ނެރޭ ފޯނުތަކުގެ ތެރެއިން ފަތްޖެހި ފޯނުތަކުގެ ހިއްސާއަކީ ދެ ޕަސެންޓަށްވުރެ ކުޑަ މިންވަރެކެވެ. ނަމަވެސް އެޕަލްއިން މި މާކެޓަށް ވަނުމާ އެކު، އޭގެ ތިންބައިކުޅަ އެއްބައި އެޕަލްއިން ހޯދާނެ ކަމަށް ރިސާޗް ފާމް އައިޑީސީއިން ލަފާކުރެ އެވެ.
އައިފޯން 18 އަދި ޕްރޯ މެކްސް
މީގެ އިތުރުން، އާ އޭ20 ޕްރޯ ޗިޕާ އެކު އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ދައްކާލައިފަ އެވެ. މި ފޯނުތަކުގެ ބެޓެރީ ލައިފަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، ޕްރޯ މެކްސް މޮޑެލް އިން 45 ގަޑިއިރަށް ވީޑިއޯ ޕްލޭބެކް ލިބޭނެ ކަމަށް އެޕަލް އިން ބުންޏެވެ. އަދި ކެމެރާ ސެޓިންގްސް އަށް ގެނެވުނު މެކޭނިކަލް ވޭރިއަބަލް އެޕަޗާގެ ސަބަބުން ޕްރޮފެޝަނަލް ފޮޓޯގްރަފީއަށް އާ ދޮރެއް ވަނީ ހުޅުވިފަ އެވެ.
ވޭރިއަބަލް އެޕެޗާ ކެމެރާގެ ސަބަބުން، ޑީއެސްއެލްއާރް ކެމެރާތަކެކޭ އެއްގޮތަށް ބޭނުންކުރެވޭނެ އެވެ.
އައިފޯން 18 ޕްރޯ މެކްސްގައި 200 މެގަޕިކްސެލްގެ މައި ކެމެރާއެއް ހިމެނެ އެވެ.
ސްމާޓް ފޯކަސް ޓްރެކިން ވެސް ހިމަނާފައި ވާއިރު މިއީ ފޮޓޯ ނުވަތަ ވީޑިއޯ ނަގާއިރު ކެމެރާ އަމާޒުކުރާ އޮބްޖެކްޓް އެކި ދިމަދިމާލަށް ދިޔަ ކަމުގައި ވިޔަސް އަމިއްލައަށް އެއަށް ފޯކަސް ބަދަލުކޮށްދޭ ފީޗާއެކެވެ. އެޑްވާންސްޑް ފޮޓޯގްރަފިކް ސްޓައިލްސް: ފީޗާއިން، ފޮޓޯތަކުގެ ޓެކްސްޗާ އާއި ގްރެއިން (ކޮންޓްރޯލްކޮށް، ފިލްމު ކެމެރާއަކުން ނަގާފައި ހުންނަ ގޮތަށް ފޮޓޯގެ ކޮލިޓީ ރަނގަޅުވެ އެވެ.
'އެޕަލް ރިފަރެންސް އިމޭޖް' ގެ ނަމުގައި ދިން ފީޗާއކުން ފޮޓޯއަކީ އޭއައި ބޭނުންކޮށްގެން ބަދަލުކޮށްފައިވާ ފޮޓޯއެއްތޯ ނުވަތަ އަސްލުތޯ ކަށަވަރުކޮށްދޭނެ އެވެ. އަދި އެޕަލްގެ އަމިއްލަ އޭއައި ޓޫލްސް ބޭނުންކޮށްގެން އެޑިޓްކުރާ ނުވަތަ އުފައްދާ ފޮޓޯތަކުގައި އެއީ އޭއައި ފޮޓޯއެއްކަން އަންގައިދޭ ޑިޖިޓަލް ނިޝާނެއް ޖެހޭނެ އެވެ.
ބެޓެރީގެ ލައިފް ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފައި ވާއިރު މި ފޯނުތަކުގެ ބެޓެރީ 20 މިނެޓް ތެރޭ ސުމަކުން 50 ޕަސެންޓަށް ޗާޖުވާނެ އެވެ.
މީގެ އިތުރުން މިއީ ދެ ފޯނުގައި އެއް ފޯން ނަންބަރެއް ބޭނުންކުރެވޭ އުފެއްދުމެކެވެ. އެކަމަކު މި ހިދުމަތް ލިބޭނީ ވަކި ސާވިސް ޕްރޮވައިޑާތަކެއް މެދުވެރިކޮށެވެ.
އާ އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީ-އޯޑަރު ކުރުން މި އަންނަ ހޮނިހިރު ދުވަހު ފެށޭނެ ކަމަށާއި، ރަސްމީކޮށް ބާޒާރަށް ނެރޭނީ މި މަހުގެ 18 ގައި ކަމަށް އެޕަލް އިން ވަނީ އިއުލާނުކޮށްފަ އެވެ.
އެޕަލް 18 ޕްރޯގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ. އަދި 18 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،299 ޑޮލަރު އެވެ.
މީގައި ހިމެނޭ ނެކްސްޓް-ޖެން އެޗް3 ޕްރޮސެސިން ޗިޕުގެ ސަބަބުން 30 ޕަސެންޓް މަދުން ކަރަންޓު ބޭނުންކުރާ ނިޒާމެކެވެ. މިއީ ސްޓޭންޑަޑް އޯޕަން-އިއަ މޮޑެލްގެ އިތުރުން، ކަންފަތަށް ލައްވާ ޓިޕާ ނުލައި އެކްޓިވް ނޮއިޒް ކެންސެލޭޝަން (އޭއެންސީ) ބޭނުންކުރެވޭ ވަކި ޓިއައެއްގައި ވެސް ލިބެން ހުންނަ އުފެއްދުމެކެވެ.
އެއާޕޮޑްސް 5 ގައި ނޮއިސް ކެންސަލޭޝަން އެންމެ ފަހުގެ އެއާޕޮޑްސްއާ އަޅާބަލާއިރު 50 ޕަސެންޓް އިތުރެވެ. ޗާޖިން ކޭސް ކުޑަކޮށް ހަދާފައިވާ މީގެ އަގަކީ 149 ޑޮލަރެވެ.
އަދި މިހާރު ހުރިހާ އެއާޕޮޑްސްއެއްގައި ވެސް ނޮއިސް ކެންސަލޭޝަން ހިމެނޭނެ އެވެ.
މިރޭ ދައްކާލި އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ގައި ވޮއިސް ރިކޮގްނިޝަންއާ އެކު އޯޑިއޯ އިންޓެލިޖެންސް ހިމަނައި، 15 ސިކުންތު ކުރީގެ އަޑުތައް އަލުން އަހައިލެވޭނެ އެވެ.
މިއަދުން ފެށިގެން ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ މި އުފެއްދުން ވެސް މި މަހުގެ 18 ގައި ބާޒާރަށް ނެރޭނެ އެވެ.