އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، ހަތިޔާރު ސަޕްލައި ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަން ޕެންޓަގަންގެ އިންސްޕެކްޓަ ޖެނެރަލްގެ އާ ރިޕޯޓަކުން ކަށަވަރުވެއްޖެ އެވެ.

ހޯމަ ދުވަހު ނެރުނު މި ރިޕޯޓުގައިވާ ގޮތުން، ޖޫން 30 ގެ ނިޔަލަށް މި ހަނގުރާމައަށް އެމެރިކާއިން 33.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން 22.3 ބިލިއަން ޑޮލަރު ހޭދަކޮށްފައިވަނީ ހަމައެކަނި ހަތިޔާރަށެވެ. އަދި މަދުވެފައިވާ ޒަމާނީ ހަތިޔާރުތައް ކުރީގެ ފެންވަރަށް އިތުރުކުރުމަށް ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޕެންޓަގަންގެ ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ ސިފައިންނަށް މިހާރު އެންމެ ބޮޑަށް ދަތިވެފައިވަނީ ދިފާއީ އަދި ހަމަލާދޭ މިސައިލްތަކަށެވެ.

  • ޕެޓްރިއަޓް އަދި 'ތާޑް' އިންޓަސެޕްޓާސް: އީރާނުން ފޮނުވާ ބެލިސްޓިކް މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމަށް ބޭނުންކުރާ މި ދިފާއީ މިސައިލްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
  • ލޯންގް-ރޭންޖް ޕްރެސިޝަން މިސައިލް: ދުރު ރާސްތާގެ އަމާޒުތަކަށް ސީދާ ހަމަލާދޭ ސާފަސް-ޓު-ސާފަސް މިސައިލްތަކުގެ ސްޓޮކް ވަނީ ދަށަށް ގޮސްފަ އެވެ.
  • ވައިގެ މަގުން ދޭ ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރު: މަތިންދާބޯޓާއި ޑްރޯންތަކުން ފޮނުވާލާ ސްމާޓް ބޮންތަކާއި ގައިޑެޑް މިސައިލްތައް ވެސް ވަނީ މަދުވެފަ އެވެ.

މި ރިޕޯޓާ ގުޅިގެން އެމެރިކާގެ އަސްކަރީ އަދި ސިޔާސީ މާހިރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ސީ.ބީ.އެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހަތިޔާރު މަދުވުމާ މެދު "އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ" ކަމަށާއި، އެމެރިކާގެ ސިފައިން ތިބީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ.  ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ އެމެރިކާގައި ހަތިޔާރު ހުސްނުވާނެ ކަމަށާއި، ރެކޯޑް އަދަދަކަށް ހަތިޔާރު އުފައްދަމުންދާ ކަމަށެވެ. އަނެއްކޮޅުން،  ޕެންޓަގަންގެ އިސް ބޭފުޅުން ދަނީ ރަޝިޔާ އަދި ޗައިނާ ފަދަ ވާދަވެރި ގައުމުތަކުގެ ކުރިމަތީގައި އެމެރިކާގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭއްވުމަށްޓަކައި ކޮންގްރެސްއިން އިތުރު ބަޖެޓް ހޯދުމަށް ބާރުއަޅަމުންނެވެ.

އެމެރިކާއަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވެފައިވަނީ އީރާނާ އެކު ހިނގަމުންދާ ހަމައެއްލަމައެއް ނެތް ހަނގުރާމައިގެ ސަބަބުންނެވެ. އީރާނުން ދޭ ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކުން ސަރަހައްދީ ބޭސްތަކާއި ބައިވެރިން ދިފާއުކުރުމަށް އެމެރިކާއިން ދަނީ ކޮންމެ ދުވަހަކު އެތައް މިސައިލެއް ބޭނުންކުރަމުންނެވެ. ހަތިޔާރު އުފައްދާ މިންވަރަށްވުރެ ބޭނުންކުރާ މިންވަރު މީގެ ސަބަބުން އިތުރުވެ، ސަޕްލައި ޗެއިންއަށް ވަނީ ނުކަތާވަރު ވެފަ އެވެ.