ވޮޝިންޓަން (ޖެނުއަރީ 3) - އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސީދާ އަމުރަށް ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ޕެންޓަގަނުން ބުނީ އިރާގުގެ ވެރިރަށް ބަޣުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވައިގެ ހަމަލާދީ ސުލައިމާނީ އަވަހާރަކޮށްލީ މެދުއިރުމަތީގައި އެމެރިކާ ސިފައިންނާއި އެމެރިކާގެ އާއްމު ރައްޔިތުން ހިމާޔަތް ކުރަން ކަމަށެވެ.
"ޖެނެރަލް ސުލައިމާނީ އަކީ އިރާގުގައި އެމެރިކާގެ ޑިޕްލޮމެޓުންނާއި އެމެރިކާގެ އާއްމުންނަށް ހަމަލާ ދޭން ރޭވުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތް. އެމެރިކާ ސިފައިންނާއި ކޯލިޝަންގެ ސިފައިންގެ ތެރޭން މަރުވި މީހުންގެ މަރުގެ ޒިންމާ ގުދުސް ފޯސް އާއި ޖެނެރަލް ސުލައިމާނީ އުފުލަން ޖެހޭނެ،" ޕެންޓަގަނުން ބުނެފައިވެ އެވެ.
ސުލައިމާނީ އަވަހާރަކޮށްލުމާ އެކު، ޓްރަމްޕް ވަނީ އެމެރިކާ ދިދައިގެ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ.
ޕެންޓަގަނުން ބުނެފައި ވަނީ އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ އަށް ހަމަލާ ދޭން ރޭވީ ވެސް ސުލައިމާނީ ކަމަށެވެ. ސުލައިމާނީ އަކީ އިރާގުގައި ވެސް ވަރަށް ބާރުގަދަ ބޭފުޅެކެވެ. އިރާގު ސަރުކާރު އެކުލަވާލުމުގައި ސުލައިމާނީ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އެހެންވެ އޭނާ ވަރަށް ގިނަގިނައިން އިރާގަށް ވަޑައިގަންނަވަ އެވެ.
ގާސިމް ސުލައިމާނީ އަކީ ކާކު؟
ސުލައިމާނީ ގެންދަވަނީ 1998 ވަނަ އަހަރުން ފެށިގެން ގުދުސް ފޯސްގެ ކޮމާންޑަރުކަން ކުރައްވަމުންނެވެ. އީރާނުން ބޭރު ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތަކާ ބެހޭ ކަންކަން ބަލަހައްޓާ ގުދުސް ފޯސް އިން ސީދާ ރިޕޯޓް ކުރަން ޖެހޭނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށެވެ.
އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ ވަނީ 80ގެ އަހަރުތަކުގައި ކުރި އީރާން-އިރާގު ހަނގުރާމައިގައި ވެސް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
އީރާން ޕޯލް އިން 2018 ވަނަ އަހަރު ކުރި ސާވޭއަކުން ދެއްކި ގޮތުގައި ސުލައިމާނީ އަކީ، ރައީސް ހަސަން ރޫހާނީ އާއި ޚާރިޖީ ވަޒީރު ޖަވާދު ޒަރީފަށް ވުރެ ވެސް އީރާނުގައި މަގްބޫލް ބޭފުޅެކެވެ.