އައިކްލައުޑް ޕްލަސް ބޭނުންކުރާ މީހުންނަށް އެޕަލް ޓީވީ އަދި އެޕަލް އާކޭޑް  އިތުރު އަގަކާ ނުލައި ލިބޭ ގޮތް ހަދައިފި އެވެ. 

މި ބޮޑު ބަދަލުގައި، އެމެރިކާގެ އައިކްލައުޑް އެކައުންޓްތައް ހިމަނައިފައެއް ނުވެ އެވެ. ނަމަވެސް ރާއްޖެއަށް މިހާރު މި ހިދުމަތް ލިބޭނެ އެވެ.

އެޕަލް ޓީވީ އަކީ އެޕަލްގެ އަމިއްލަ އޮރިޖިނަލް ފިލްމުތަކާއި، މަގުބޫލު ޝޯތަކުގެ އިތުރުން ތަފާތު ގިނަ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް އެއްވެސް އިޝްތިހާރަކާ ނުލައި، އެންމެ މަތީ ކޮލިޓީގައި ސްޓްރީމްކޮށްގެން ބަލައިލެވޭ ހިދުމަތެކެވެ.

އަންގާރަ ދުވަހު އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ހިދުމަތްތައް 59 ގައުމަކަށް އަލަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ އިރު، މި ބަދަލާ އެކު އެޕަލް ޓީވީގެ ހިދުމަތް 170 މާކެޓަކުން މިހާރު ލިބޭނެ އެވެ.

މި ބަދަލާ ގުޅޭ ތަފްސީލްތައް:

  • ހުރިހާ ޕްލޭނަކަށް ލިބޭނެ: އައިކްލައުޑް ޕްލަސްގެ އެންމެ އަގުހެޔޮ 50ޖީބީ ޕްލޭނުން ފެށިގެން، ފައިސާ ދައްކައިގެން ބޭނުންކުރާ ހުރިހާ ސްޓޯރޭޖް ޕްލޭނަކަށް އެޕަލް ޓީވީ އަދި އެޕަލް އާކޭޑްގެ ފުރިހަމަ އެކްސެސް ލިބޭނެ.
  • އިތުރު އަގެއް ނުނަގާނެ: މި ހިދުމަތްތައް ލިބޭނީ މިހާރު ވެސް އައިކްލައުޑް ސްޓޯރޭޖަށް ދައްކާ މަހު ފީގެ ތެރެއިން. އެއްވެސް އިތުރު ޗާޖެއް ނުނަގާނެ.
  • ވަކި ސަބްސްކްރިޕްޝަންތައް އުވާލުން: ރާއްޖޭގެ މާކެޓުގައި އެޕަލް ޓީވީ އަދި އާކޭޑް ވަކިން ވިއްކުން މިހާރު ވަނީ ހުއްޓާލާފައި. ކުރިން މި ހިދުމަތްތަކަށް ވަކިން ފައިސާ ދައްކަމުން ދިޔަ ފަރާތްތަކުގެ ސަބްސްކްރިޕްޝަން އަމިއްލައަށް ކެންސަލްވެ، އައިކްލައުޑް ޕްލޭނަށް ބަދަލުވާނެ. އަދި ގޭމްތަކުގެ ސޭވްސްތަކެއް ނުގެއްލޭނެ.
  • ފެމިލީ ޝެއަރިން: އައިކްލައުޑް ސްޓޯރޭޖެކޭ އެއްގޮތަށް، މި ބަންޑަލްގެ ދަށުން ލިބޭ އެޕަލް ޓީވީ އަދި އާކޭޑް ވެސް އާއިލާގެ ފަސް މެންބަރަކާ ހިއްސާކުރެވޭނެ.
  • އެޕަލް މިއުޒިކް ޑިސްކައުންޓް: މީގެ އިތުރުން "އެޕަލް މިއުޒިކް ސިލެކްޓް" ވެސް ތައާރަފްކޮށްފައިވާ އިރު، ފުލް އެޕަލް މިއުޒިކް ޕްލޭނަކަށް އަޕްގްރޭޑްކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ.

މި އަޕްޑޭޓް މިހާރު ރާއްޖޭގެ އެކައުންޓްތަކަށް ދާނީ ލިބެމުންނެވެ. އެކަމަކު އެންމެންނަށް ލިބި ފުރިހަމާވާނީ މި މަހުގެ ނިޔަލަށް  ކަމަށް އެޕަލް އިން ބުންޏެވެ.