އެމެރިކާގެ އިސް އޮފިޝަލުންތަކެއް، ޔަމަނުގެ ހޫތީ ޖަމާއާތުގެ މަންދޫބުންނާ އެކު އުމާންގައި ސިއްރު ބައްދަލުވުމެއް ބާއްވައިފި ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
މިކަން ހާމަވެފައި މި ވަނީ، އީރާނުގެ މަދަދުލިބޭ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއް ހިފައި، ސައުދީ އަރަބިއްޔާއިން ވާގިވެރިވާ ލަޝްކަރުތަކުގެ މައްޗަށް ގަދަވެގެންފައި ވަނިކޮށެވެ.
މި ސިއްރު މަޝްވަރާތައް ކުރިއަށްދިޔައީ އުމާންގެ ވެރިރަށް މަސްކަޓްގައި ހުންނަ އެމެރިކާ އެމްބަސީގައި، މިދިޔަ ހަފްތާ ބަންދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ބައްދަލުވުން އިންތިޒާމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އޮމާން ސަރުކާރުންނެވެ.
ހޫތީންގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މުހައްމަދު އަބްދުއްސަލާމް އަދި އަބްދުލްމަލިކް އަލްއަޖީރީ އެވެ. އެމެރިކާގެ ފަރާތުން ބައިވެރިވީ އެމްބަސީގެ އިސް މުވައްޒަފުންނެވެ.
ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި އެމެރިކާ އަދި އިޒްރޭލުގެ އުޅަނދުފަހަރަށް ހަމަލާދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ހޫތީން މި ބައްދަލުވުމުގައި ބުނެފައިވެ އެވެ. އަދި 2025 ވަނަ އަހަރު އެމެރިކާއާ އެކު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިހްތިރާމްކުރާނެ ކަމަށާއި، ސައުދީ އަރަބިއްޔާގެ އުޅަނދުތައް ފިޔަވައި އެހެން ވިޔަފާރި އުޅަނދުތަކަށް ހުރަސް ނާޅާނެކަމުގެ ޔަގީންކަން ދިނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން 2025 ވަނަ އަހަރުގެ މާޗު މަހު ވަނީ ހޫތީންނަކީ "ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް" ގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް، އެމެރިކާއިން އެ ޖަމާއަތާ އެކު ސީދާ މުއާމަލާތްތައް ކުރަމުންދާ ކަމަށް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ދާދިފަހުން އެއްބަސްވެވަޑައިގެންފަ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަކި އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް، ރަތްކަނޑުގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ރައްކާތެރިކުރުމަކީ އެމެރިކާގެ އެންމެ އިސް މަސްލަހަތު ހިމެނޭ ކަންތައް ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ.
ސައޫދީއާ ދެކޮޅަށް ހޫތީން ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މި ހަފްތާގައި މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ވައްޓާލާފައިވާނެ ކަމަށް ސައޫދީން ބުނެފައިވެ އެވެ. މައްކާ އާއި މަދީނާ އަދި ހުރުމަތްތެރިވެގެންވާ އެ ބިންތަކަށް އަޅުކަމަށްދާ މީހުންނަށް ނުރައްކާވާ ނަމަ އެއީ ރަތް ރޮނގު ހުރަސްކުރުން ކަމަށާއި ރައްދު ހަމަލާ ވަރުގަދަވާނެ ކަމަށް ހޫތީންނާ ދެކޮޅު، ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ހޫތީން ބުނަނީ މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.