ސައިބަ ސެކިއުރިޓީ ސިމިއުލޭޝަނެއްގެ ތެރޭގައި ހެދިފައިވާ ކޮންފިގަރޭޝަން ގޯހަކުން އިންޓަނެޓަށް ވަދެވި، ގޫގުލްގެ ޖެމިނައި އޭއައި އަމިއްލަ ޒާތުގައި ތިން ކުންފުންޏެއްގެ ސިސްޓަމްތައް ހެކްކޮށްފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ފުރަތަމަ ރިޕޯޓްކުރި މި ހާދިސާ ހިނގާފައިވަނީ މެއި މަހު އެވެ. އަދި ގޫގުލްއަށް މިކަން ފާހަގަކުރެވިފައިވަނީ ޖުލައި މަހުގަ އެވެ. މި ހާދިސާ ހިނގާފައިވަނީ އޭއައިގެ ދިފާއީ އަދި ހަމަލާދިނުމުގެ ގާބިލުކަން ޓެސްޓުކުރުމަށް "އިރެގިއުލާ" ކިޔާ ސައިބަ ސެކިއުރިޓީ ސްޓާޓްއަޕްއަކުން ކުރިއަށްގެންދިޔަ "ކެޕްޗާ ދަ ފްލެގް" އިވެންޓެއްގެ ތެރޭގަ އެވެ.
މި ސިމިއުލޭޝަންގައި ޖެމިނައިއަށް ހަވާލުކުރީ ބޭރުގެ ދުނިޔެއާ ގުޅުމެއް ނެތް ރައްކާތެރި މާހައުލެއްގައި (ސޭންޑްބޮކްސް އެންވަރަމަންޓްގައި) ހަދާފައިވާ ހިޔާލީ ކުންފުންޏެއްގެ ޑޭޓާތަކެއް ހޯދުމަށެވެ. ނަމަވެސް، ޓެސްޓުކުރި ސިސްޓަމަށް ދިމާވި ގޯހަކުން އެ ސިސްޓަމް އޮތީ އިންޓަނެޓާ ގުޅިފަ އެވެ. އަދި ޓެސްޓުކުރަން ހެދި ހިޔާލީ ކުންފުނީގެ ނަމާއި ހަގީގަތުގައި ވެސް ހިންގަމުން އަންނަ ކުންފުނިތަކެއްގެ ނަމާ ދިމާވުމުން، ޖެމިނައި ވަނީ އާންމު އިންޓަނެޓް ބޭނުންކޮށްގެން އެ ކުންފުނިތަކަށް ހަމަލާދީފަ އެވެ. ޖެމިނައި މި ސިސްޓަމްތަކަށް ވަދެފައިވަނީ ދެ ގޮތަކަށެވެ.
އެއް ކުންފުންޏެއްގެ އޮންލައިން ހިދުމަތްތައް ދެނެގަނެ، އޭއައި އަމިއްލައަށް ލޮގިން ކްރެޑެންޝަލް ނުވަތަ ޕާސްވޯޑް ދިމާކޮށްގެން ސިސްޓަމަށް ވަދެފައިވެ އެވެ. އަނެއް ދެ ކުންފުނީގެ މައުލޫމާތު އިންޓަނެޓުން ސާޗްކޮށް، ގިޓްހަބް ފަދަ އާންމުކޮށް ހުޅުވާލެވިފައިވާ ކޯޑު ރެޕޮސިޓަރީތަކުން އެ ކުންފުނިތަކުގެ ހާމަވެފައި ހުރި ސިއްރު ޕާސްވޯޑްތައް ހޯދައިގެން ސިސްޓަމަށް ވަދެފައިވެ އެވެ.
ގޫގުލްގެ ވައިސް ޕްރެޒިޑެންޓް އޮފް ސެކިއުރިޓީ އިންޖިނިއަރިން، ހެދަ އަޑްކިންސް ވިދާޅުވި ގޮތުގައި، ހިޔާލީ ކުންފުންޏެއްގެ ބަދަލުގައި ހަގީގީ ކުންފުނިތަކެއްގެ ސިސްޓަމަށް ވަދެވުނުކަން އެނގުނު ވަގުތުން ފެށިގެން ޖެމިނައި ވަނީ ހުރިހާ ހެކިންގެ ހަރަކާތްތަކެއް ހުއްޓާލައި އެ ސިސްޓަމްތަކުން ނިކުމެފަ އެވެ. ގޫގުލްއިން ބުނި ގޮތުގައި މިކަމުގެ ސަބަބުން އެއްވެސް ކުންފުންޏަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އެ ކުންފުނިތަކަށް މިހާރު ވަނީ މިކަން އަންގައިފަ އެވެ.
މިއީ މިހާރު އޭއައި އިންޑަސްޓްރީއަށް ދިމާވަމުންދާ "ސޭންޑްބޮކްސް އެސްކޭޕް" (ރައްކާތެރި މާހައުލުން ބޭރުވުން) ގެ މައްސަލަތަކުގެ ތެރެއިން ހިނގި ކަމެކެވެ. އިރެގިއުލާ ކުންފުނިން ބުނި ގޮތުގައި އޯޕަންއޭއައި، އެންތުރޮޕިކް އަދި މޫންޝޮޓް ފަދަ އެހެން ބޮޑެތި ކުންފުނިތަކުގެ އޭއައި މޮޑެލްތަކުން ވެސް ޓެސްޓުތަކުގެ ތެރޭގައި މިގޮތަށް އަމިއްލައަށް އިންޓަނެޓަށް ނިކުމެ ސިސްޓަމްތަކަށް ވަނުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.