ދުބާއީ (އެޕްރީލް 20) - އެމެރިކާ އަށް ދަތުރުކުރުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން މެދުއިރުމަތީގެ މާކެޓަށް އަސަރުކޮށްފައިވާތީ އެމެރިކާގެ ފަސް ސިޓީއަކަށް އެމިރޭޓްސް އެއާލައިންސް އިން ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން މަދުކުރަން ނިންމައިފި އެވެ.

މިދިޔަ މާޗު މަހު އެމެރިކާ އިން ވަނީ މޯބައިލް ފޯނަކަށް ވުރެ ބޮޑު އިލެކްޓްރޯނިކް ޑިވައިސްތައް ކެބިން ލަގޭޖުގައި އުފުލުން 10 އެއާޕޯޓަކުން މަނާކޮށްފަ އެވެ. ލެޕްޓޮޕް ފަދަ ތަކެތި ކެބިން ލަގޭޖުގައި އެމެރިކާ އަށް ނުގެންދެވޭ އެއާޕޯޓުތަކުގެ ތެރޭގައި ދުބާއީ އާއި މެދުއިރުމައްޗާއި ނޯތު އެފްރިކާގެ ބައެއް އެއާޕޯޓްތަކާ އަދި ތުރުކީ ހިމެނެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ މީހުންނާއި ރެފިއުޖީން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް ރިޔާސީ އަމުރެއް ނެރުއްވައިފަ އެވެ. މި އަމުރުތަކުގެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

އެމިރޭޓްސްގެ ތަރުޖަމާނަކު ވިދާޅުވީ ވިސާ ދިނުމުގައި އެމެރިކާ އިން ހަރުކަށިކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އަދި އިލެޓްރޯނިކް ޑިވައިސްތައް ކެބިން އަށް އެރުވުން މަނާކުރުމުން އެމެރިކާ އަށް ދަތުރު ކުރާ މީހުންގެ ޑިމާންޑް ދަށްވެފައިވާ ކަމަށެވެ.