ވޮޝިންޓަން (ސެޕްޓެމްބަރު 25) - އެމެރިކާ އަށް ވަނުން މަނާކުރާ ގައުމުތަކުގެ މީހުންގެ ލިސްޓަށް ތިން ގައުމު އިތުރުކޮށްފި އެވެ.

ވައިޓް ހައުސް އިން ބުނީ އެމެރިކާ އަށް ވަނުން މަނާކުރި ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުކޮށްފައި ވަނީ ނޯތު ކޮރެއާ، ވެނެޒުއެލާ އަދި ޗާޑެވެ. މި ތިން ގައުމު އިތުރު ކުރީ ބޭރުގެ ސަރުކާރުތަކުން ހިއްސާކުރި މައުލޫމާތާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

ތިން ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރިކަން އިއުލާން ކުރައްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމަނިކުފާން އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށެވެ. އަދި ސަލާމަތީ ގޮތުން ނުރައްކާ އޮތް އެއްވެސް މީހަކަށް އެމެރިކާ އަށް އެތެރެ ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.

ވެނެޒުއެލާ އަށް އެޅި ފިޔަވަޅަކީ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި އެ މީހުންގެ އާއިލާތައް އެމެރިކާ އަށް ވަނުން މަނާކުރުމެވެ. ނޯތު ކޮރެއާގެ އެއްވެސް މީހަކު އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. ޗާޑަށް އަޅާފައި ވަނީ އެ ގައުމުގެ މީހުންނަށް ބިޒިނަސް އަދި ޓޫރިސްޓް ވިސާ ދޫކުރުން މަނާކުރުމެވެ.

އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ފަސް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފަ އެވެ. އެ ގައުމުތަކަކީ އީރާން، ލީބިޔާ، ސީރިއާ، ޔަމަން އަދި ސޯމާލިއާ އެވެ. ޓްރަމްޕުގެ އާ އަމުރުގެ ދަށުން ސޫދާން ވަނީ ލިސްޓުން އުނިކޮށްފަ އެވެ. ޓްރަމްޕް އެންމެ ފުރަތަމަ ނެރުއްވި އަމުރާ މެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ކޯޓާ ހަމައަށް މައްސަލަ ވަނީ ގެންގޮސްފަ އެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަހުގެ ހުކުމް އަންނަ މަހު އިއްވާނެ އެވެ. ފުރަތަމަ ނެރުއްވި އަމުރު އަމާޒުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި މުސްލިމް ހަ ގައުމަށް ކަމަށްވާތީ އެ އަމުރު ލޭބަލްކޮށްފައި ވަނީ "މުސްލިމުން މަނާކުރުން" ގެ ގޮތުގަ އެވެ.