ވެނެޒުއޭލާއަށް ހަމަލާދީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަތުލައިގަނެގެން ގެންދިއުމުން ވަގުތީ ރައީސް ޑެލްސީ ރޮގްރިގޭޒް އެމެރިކާ ދެކެ ބިރުން ބުނިހާ ގޮތަކަށް ކަންތައް ކުރަމުންދާ ގޮތަށް އީރާންގައި ވެސް ކަން ހިނގާނެ ކަމަށް އެމެރިކާއަށް ހީވީ ކަމަށް އީރާންގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ.
ކުރިން ރެކޯޑްކޮށް ޓީވީން ދެއްކި އިންޓަވިއުއެއްގައި ލަރިޖާނީ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމުގެ ބޭނުމަކީ އީރާން ބައިބައިކޮށް ނިކަމެތިކުރުން ކަމަށެވެ.
ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާއިރު އެ ގައުމުން ވަނީ އާ ލީޑަރު ހޮވުމުގެ މަސައްކަތް ގާނޫނުތަކާ އެއްގޮތަށް ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށްދާއިރު އީރާނުން ގެންދަނީ ރައްދުގައި އިޒްރޭލާއި ގަލްފުގެ އެކި ގައުމުތަކަށް ހަމަލާ ދެމުންނެވެ. އީރާނުން ބުނަމުންދަނީ އިޒްރޭލާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެމެރިކާގެ އެންމެ ބޮޑު އެއް މައްސަލައަކީ ހުޅަނގު އޭޝިއާގެ ކަންކަން ނޭނގުންހެން. އަދި ހާއްސަކޮށް އީރާންގެ،" ލަރިޖާނީ ވިދާޅުވި އެވެ.
"އެ މީހުން ހީކުރީ މިތަން ވެސް ވާނީ ވެނެޒުއޭލާ ކަހަލަ ތަނަކަށް ކަމަށް -- ހަމަލާދީ ކޮންޓްރޯލް ހޯދައި ދެން އެ ހިސާބުން ހުރިހާ ކަމެއް ނިމޭނެކަމަށް -- އެކަމަކު މިހާރު އެތިބީ މިކަމުގައި ތާށިވެފައި."
އީރާންގެ ކުރުދީންނަށް ހަތިޔާރު ދީ އީރާން ސަރުކާރާ ދެކޮޅަށް ނެރެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތާއީދުކޮށްފައި ވާއިރު ލަރިޖާނީ ވަނީ އެކަމާ ގުޅިގެން އިންޒާރު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ކޮށްފި ނަމަ ނަތީޖާއަކީ ކޮބައިކަން ސަލާމަތީ ބާރުތަކުން އެ ގްރޫޕްތަކަށް އަންގާފައިވާނެ ކަމަށެވެ. -- އޭއެފްޕީ