ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ރަޝިއާއިން ޖަޕާނުގެ ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.
ރަޝިއާއިން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ ޖަޕާނުގެ "ހޮކައިޑޯ ޝިމްބުން" ނޫހުގައި މަސައްކަތްކުރާ ޔޫކީ އިމާއީ އެވެ. ރަޝިއާގެ އިދާރާތަކުން އޭނާ ހައްޔަރުކުރުމަށްފަހު ވަނީ ޖަޕާނުގެ އިންޓެލިޖެންސަށް ރަޝިއާގެ ދިފާއީ މައުލޫމާތު އެއްކޮށްދިން ކަމުގެ ތުހުމަތުކޮށްފަ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ ވިދާޅުވީ ޖަޕާނުން އެފަދަ އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި، އެ ގައުމުން އަބަދުވެސް އިސްކަންދެނީ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ.
މި މައްސަލައިގައި ޖަޕާނުން ވަނީ އެ ގައުމުގައި ހުންނަވާ ރަޝިއާގެ ސަފީރު ހާޒިރުކޮށް، އެ ނޫސްވެރިޔާއާމެދު އިންސާފުވެރިކޮށް އަމަލުކުރުމަށް އެދިފަ އެވެ.
ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ބުދަ ދުވަހު ވިދާޅުވީ ހައްޔަރުކުރި މީހާއާ އަދި ވާހަކަ ނުދެއްކޭ ކަމަށެވެ. އަދި ޖަޕާނަށް އެ މީހާ ހައްޔަރުކުރިކަން އެނގުނީ ރަޝިއާއިން އެކަން އިއުލާނުކުރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖަޕާނުގެ އުތުރާއި ސަކާލިންގެ ދެކުނު-ހުޅަނގުގައި އޮންނަ ރަށްތަކެއްގެ މައްސަލައިގައި ޖަޕާނާއި ރަޝިއާއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާތާ އެތައް އަހަރެއް ވެއްޖެ އެވެ. ދެ ވަނަ ބޮޑު ހަނގުރާމަ ނިމެނިކޮށް އޭރުގެ ސޯވިއެޓް ޔޫނިއަނުން ވަނީ އެ ރަށްތައް އަތުލައިގެންފަ އެވެ. އަދި އޭގެ ފަހުން އެ ރަށްތައް ކޮންޓްރޯލް ކުރަމުންދަނީ ރަޝިއާއިންނެވެ.