ސްރީ ލަންކާގެ ކޮލަމްބޯ ޕޯޓުގައި ތަރައްގީކުރަން ނިންމާފައި އޮތް 392 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ލޮޖިސްޓިކްސް ހަބް މަޝްރޫއުން ޗައިނާގެ މާޗަންޓްސް ޕޯޓް ހޯލްޑިންގްސް އިން ވަކިވެއްޖެ އެވެ.
މި މަޝްރޫއު ކެންސަލް ކުރުމާ ގުޅިގެން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ) އިން ވަނީ ސެޓްލްމަންޓްގެ ގޮތުގައި 21.9 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފަ އެވެ. "ސައުތު އޭޝިއާ ކޮމާޝަލް އެންޑް ލޮޖިސްޓިކްސް ހަބް" (އެސްއޭސީއެލްއެޗް) ގެ ނަމުގައި ހިންގަން އުޅުނު މި މަޝްރޫއު ހުއްޓާލިކަން ޗައިނާގެ ކުންފުނިން ވަނީ މި މަހުގެ 15 ގައި ހޮންކޮންގް ސްޓޮކް އެކްސްޗޭންޖަށް ހުށަހެޅި ބަޔާނެއްގައި ކަށަވަރުކޮށްދީފަ އެވެ.
ދެކުނު އޭޝިއާގައި ހަދާ އެންމެ ބޮޑު އެއް ލޮޖިސްޓިކްސް ކޮމްޕްލެކްސްގެ ގޮތުގައި ބިނާކުރަން ރޭވި މި މަޝްރޫއަކީ 50 އަހަރު ދުވަހުގެ ބިލްޑް-އޮޕަރޭޓް-ޓްރާންސްފާ (ބީއޯޓީ) އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫއެކެވެ. ސްޓޮކް އެކްސްޗޭންޖް ބަޔާނުގައި ބުނެފައިވާ ގޮތުން، މި މަޝްރޫއު ދޫކޮށްލަން ޖެހުނީ ބޭރުގެ ހާލަތްތަކަށް އައި ބަދަލުތަކާއި، މަޝްރޫއު ކުރިއަށް ގެންދަން ކަނޑައެޅި މާހައުލަށާއި ތާވަލަށް އައި ބަދަލުތަކުގެ އިތުރުން ވިޔަފާރީގެ ގޮތުން ވިސްނަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ.
މި މަޝްރޫއުގެ 70 ޕަސެންޓް ހިއްސާ އޮންނަނީ ޗައިނާ މާޗަންޓްސް ޕޯޓްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފޯޗޫން ސެންޓާ ގްރޫޕް ލިމިޓެޑްގަ އެވެ. ބާކީ އޮތް ހިއްސާގެ ތެރެއިން ލަންކާގެ އެސްއެލްޕީއޭ އަށް 15 ޕަސެންޓް އަދި އެކްސެސް އިންޖިނިއަރިން ޕީއެލްސީ އަށް 15 ޕަސެންޓް ހިއްސާ އޮވެ އެވެ. މި ތިން ހިއްސާދާރުން ވެގެން މިހާތަނަށް 37.14 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، އޭގެ ތެރެއިން 26 މިލިއަން ޑޮލަރަކީ ޗައިނާ ކުންފުނިން ހޭދަކުރި ފައިސާ އެވެ.
ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން އެސްއެލްޕީއޭ އިން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި 21.9 މިލިއަން ޑޮލަރު ޕްރޮޖެކްޓް ކުންފުންޏަށް ދައްކަން ޖެހެ އެވެ. މި ފައިސާގެ އިތުރުން ކުންފުނީގައި ބާކީ ހުރި 7.85 މިލިއަން ޑޮލަރުގެ ކޭޝް، ޓެކްސްތަކާއި ހަރަދުތައް ކެނޑުމަށްފަހު ހިއްސާދާރުންގެ މެދުގައި ބަހާލާނެ އެވެ.
މެރިޓައިމް ދާއިރާގެ ހަބަރުތައް ގެނެސްދޭ "ލޮއިޑްސް ލިސްޓް" އިން ބުނި ގޮތުގައި، ޑިސެމްބަރު 2023 ގައި ލަންކާ ސަރުކާރުން ބޮޑެތި ޓެކްސް އިނާޔަތްތަކެއް ދީފައިވާ މި މަޝްރޫއު ހުއްޓާލަން ޖެހުނީ ބިމުގެ މައްސަލަތަކާއި ރެގިއުލޭޓަރީ ހުރަސްތަކާ ހެދި މަސައްކަތް ކުރިއަށް ނުގެންގޮސް ލަސްވުމުގެ ސަބަބުންނެވެ. މި މަޝްރޫއު ކެންސަލްވުމުން، އެސްއެލްޕީއޭ އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ބިމުގައި އާ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އަލުން ހުށަހެޅުންތަކަށް ހުޅުވާލުމަށެވެ.