ޔޫއޭއީގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން، އޮންލައިންކޮށް އެހެން މީހުންނަށް ފުރައްސާރަކޮށް، އަބުރަށް އަރައިގަންނަ ނަމަ ބޮޑެތި ޖަލު ހުކުމްތަކާއި 500،000 ދިރުހަމް (ގާތްގަނޑަކަށް 2.1 މިލިއަން ދިވެހި ރުފިޔާ) އާ ހަމައަށް ޖޫރިމަނާކުރާނެކަން ހަނދާންކޮށްދީ އިއްޔެ އިންޒާރު ދީފި އެވެ.
މި އިންޒާރު ނެރެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ފާހަގަކުރާ ސައިބަ ސެކިއުރިޓީ މަހާ ދިމާކޮށް، ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާ އާއި ދުބާއީ ޕޮލިސް އަދި ދުބާއީ އިލެކްޓްރޯނިކް ސެކިއުރިޓީ ސެންޓަރު (ޑީއީއެސްސީ) ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުންނެވެ.
މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ސަމާލުކަމަށް ގެންނަނީ "ކޮމްބެޓިން ރޫމާސް އެންޑް ސައިބަ ކްރައިމްސް" ގާނޫނުގެ ދަށުން ކަނޑައެޅޭ ހަރުކަށި އަދަބުތަކަށެވެ.
އެ ގާނޫނު ބުނާގޮތުން އޮންލައިން ނެޓްވޯކެއް ނުވަތަ ސިސްޓަމެއް މެދުވެރިކޮށް އެހެން މީހަކަށް ހަޖޫޖަހައި، ފުރައްސާރަކޮށް، ނުވަތަ މީހަކު ބަދުނާމުވާ ފަދަ ވާހަކައެއް ފެތުރި ނަމަ، އެ މީހަކަށް ޖަލު ހުކުމެއް އައުމާ އެކު، 250،000 ދިރުހަމާއި 500،000 ދިރުހަމާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ފުރައްސާރަ ރައްދުވި ފަރާތަކީ ދައުލަތުގެ މުވައްޒަފެއް ނަމަ، އެ ކުށުގެ އަދަބު އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށް ގާނޫނުގައިވެ އެވެ.
ގާނޫނީ އިންޒާރުގެ އިތުރުން، މި ކެމްޕޭނުގެ ޒަރީއާ އިން ބާރުއަޅަނީ ސޯޝަލް މީޑިއާ އަކީ އެކަކު އަނެކަކަށް ޖެއްސުންކޮށް، ފުރައްސާރަކުރަން އޮތް ތަނެއްގެ ބަދަލުގައި، އެއީ ބިނާކުރަނިވި ގޮތެއްގައި ހިޔާލު ބަދަލުކުރުމާއި އިހުތިރާމާ އެކު މުއާމަލާތްކުރާ މާހައުލަކަށް ހެދުމަށެވެ. އަދި އޮންލައިންކޮށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް، ޔޫއޭއީގެ އިޖުތިމާއީ އަގުތައް ހިފަހައްޓައި، ޕޮޒިޓިވް ޑަޔަލޮގްތައް ކުރިއަށް ނެރުމަށް ހުރިހާ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ޔޫއޭއީ އިޒް ސޭފް ވިތު ޔޯ ޑިޖިޓަލް އެވެއާނަސް" ކެމްޕޭނަކީ އާންމުން ހޭލުންތެރިކުރުމަށް ހިންގާ ވަރަށް ފުޅާކޮށް ހިންގާ ކެމްޕެއިނެކެވެ. މީގެ ތެރޭގައި ސައިބަ ކުށްތަކާއި، އޮންލައިން މަކަރާއި ހީލަތް (ސްކޭމް) ތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އާ ޓެކްނޮލޮޖީތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުމުން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުން ހިމެނެ އެވެ. މުޅި މުޖުތަމައުގެ ޑިޖިޓަލް ލިޓްރަސީ ވަރުގަދަކޮށް، ޒިންމާދާރުކަމާ އެކު އޮންލައިންކޮށް އުޅުމުގެ އާދަ އަށަގެންނެވުމަކީ މި ކެމްޕޭނުގެ މައިގަނޑު މަގްސަދެވެ.