ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު، ބައިބައިވެފައިވާ އިޒްރޭލުގެ ރައްޔިތުން ފުރަތަމަ ފަހަރަށް އާންމު އިންތިޚާބުގައި ވޯޓުުލާން ފަށައިފި އެވެ.
މިއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމާއި، އެ ގައުމު ސިޔާސީ ގޮތުން ކަނާތުފިޔައަށް ބަރުވަމުންދާ ދިއުމާ މެދު ރައްޔިތުން ނިންމުން ނިންމާނެ ދުވަހެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު ފެށި އަދި މިހާރު ސަރަހައްދަށް ފެތުރިފައިވާ ހަނގުރާމައަށް ތިން އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ. ހަނގުރާމައިގެ ބިރުވެރިކަމާއި، ސެކިއުރިޓީ ފެއިލިއާތަކުގެ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަކީ ކެމްޕޭނުގެ އެންމެ މުހިންމު މައުޟޫ އެވެ.
ޣައްޒާގައި ހިންގަމުންދާ ނުރައްކާތެރި އަސްކަރީ ހަރަކާތްތަކާއި، ހުޅަނގު ކަރައިގައި ޣައިރު ގާނޫނީ ވަޒަންވެރިން އިތުރުކޮށް ހިންގާ އަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު އެކަހެރިވަމުންދާ ދަނޑިވަޅެއްގައި، ނެގި އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ނަތަންޔާހޫ އާއި އޭނާގެ މައި އިދިކޮޅު ވާދަވެރިޔާ ގާދީ އައިސެންކޮޓްގެ ތާއީދު އޮތީ އެއްވަރެއްގައި ކަމަށެވެ. އައިސެންކޮޓްއަކީ ސިޔާސީ ދާއިރާއަށް އާ، އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 7.3 މިލިއަން މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން ބައި މިލިއަނަށްވުރެ ގިނަ މީހުންނަކީ އަލަށް ވޯޓުލާ މީހުންނެވެ. ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އާބާދީގެ ބޮޑު ބައެއް ތާއީދުކުރަނީ ސެންޓަ-ރައިޓް ކަނާތުފިޔައިގެ ސިޔާސަތުތަކަށެވެ.
އިންތިހާބުގެ މުހިންމުކަން ބޮޑުކަމުން، ބޭރުގައުމުތަކުގައި އުޅޭ އިޒްރޭލުގެ އެތައް ހާސް ބަޔަކު ވަނީ ވޯޓުލުމަށް އެނބުރި އިޒްރޭލަށް ގޮސްފަ އެވެ.
"މީ އިޒްރޭލުގެ ތާރީހުގައި ވެސް އައި އެންމެ މުހިންމު އިންތިހާބީ ދުވަސް. ހުރިހާ ދާއިރާއަކުން ވެސް އެދެވޭ ބަދަލެއް ބޭނުންވޭ،" ގުދުސްގައި އުޅޭ އުމުރުން 58 އަހަރުގެ އުރިއެލް ބްރޭންޑްލާ ބުންޏެވެ.
އުމުރުން 77 އަހަރުގެ ނަތަންޔާހޫ ވަނީ ފާއިތުވި 19 އަހަރަށްވުރެ ގިނަ ދުވަހު އެކި ފަހަރު މަތިން އިޒްރޭލުގެ ބޮޑުވަޒީރުކަން ކޮށްފަ އެވެ. ކެމްޕޭނުގައި އޭނާ ބޮޑަށް ބެލީ ގައުމުގެ ސެކިއުރިޓީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުމުގެ މައްޗަށެވެ. އޭނާ ބުނެފައިވަނީ އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ހަމައެކަނި ލީޑަރަކީ އޭނާ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގެ ފަހުން ނަތަންޔާހޫގެ ސަރުކާރުން ވަނީ ޣައްޒާ ސުންނާފަތިކޮށް، ލުބުނާނުގެ ދެކުނަށް އަރައިގަނެ، އެމެރިކާގެ އެހީތެރިކަމާ އެކު އީރާނަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އުމުރުން 85 އަހަރުގެ ޒިޕޯރާ ބެނެޓް ބުނީ އޭނާ ވޯޓު ދެނީ ނަތަންޔާހޫއަށް ކަމަށެވެ.
"އޭނާއަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ގައުމު ކުރިއަށްގެންދިއުމުގެ ތަޖުރިބާ ހުރި ބޭފުޅެއް. އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް،" އޭނާ ބުންޏެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ނަތަންޔާހޫއަށް އެންމެ ބޮޑަށް ފާޑުކިޔަނީ އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ފެއިލިއާތަކުގެ ޒިންމާ ނަންގަވާފައި ނުވާތީ އެވެ. އިދިކޮޅު ލީޑަރު އައިސެންކޮޓް ވަނީ އޭނާގެ ވެރިކަމެއްގައި އެ މައްސަލަ ބަލާނެ މިނިވަން ކޮމިޝަނެއް އެކުލަވާލާނެ ކަމަށް ވައުދުވެފަ އެވެ.
އައިސެންކޮޓްގެ 'ޔާޝާރު' ޕާޓީ އިސްވެ އޮންނަ އިދިކޮޅު ކޯލިޝަނުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ދެކޮޅުހެދި ނަމަވެސް، ހުޅަނގު އައްސޭރީގައި ހަމަނުޖެހުން ހިންގާ އިޒްރޭލު ވަޒަންވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ 120 ގޮނޑީގެ މަޖިލިސް، ނެސެޓްގެ އަޣުލަބިއްޔަތު ހޯދުމަށް 61 ގޮނޑި ބޭނުންވާއިރު، އެއްވެސް މައި ޕާޓީއަކަށް އެ އަދަދު ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން، ސަރުކާރެއް އެކުލަވާލުމުގެ ނަތީޖާ ސާފުވާން ދުވަސްތަކެއް ނަގާނެ އެވެ.