ގުދުސް (އޮކްޓޯބަރު 28، 2026) - ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުގައި ބޭއްވި ފުރަތަމަ އިންތިހާބުގައި، ފަހުގެ ތާރީހެއްގައި ވޯޓުލާން ނުކުތް އެންމެ ގިނަ މީހުންގެ ވޯޓުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުޑަ ކުރިއެރުމެއް ހޯދައިފި ކަމަށް  އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ. ނަމަވެސް، ސަރުކާރެއް އެކުލަވާލެވޭނެ އަޣުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ނުލިބޭ ކަމަށް މި ނަތީޖާއިން ދައްކަ އެވެ.

އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރި ނަތަންޔާހޫ ކެމްޕޭން ކުރީ ހަމާސްއިން ފެށިގެން އީރާނާ ހަމައަށް، 'ދުޝްމަނުންނާ ދެކޮޅަށް' މަސައްކަތްކުރާނެ ކަމުގެ ވައުދުތަކާއެކު އެވެ. އަދި އިންތިހާބު އޮތް ދުވަހު އޭނާ ވަނީ، އޭނާގެ ހަރުކަށި ކަނާތުފިޔައިގެ ސަރުކާރާ ދެކޮޅަށް ތާރީހީ އަދަދަކަށް ވޯޓުލާން ނުކުތް އިޒްރޭލުގެ އަރަބި ރައްޔިތުންނާ މެދު ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކޮށްފަ އެވެ.

ޖުމްލަ 120 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ހޯދައި ކޯލިޝަނެއް އެކުލަވާލުމަށް ސިޔާސީ ފަރާތްތަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް މިހާރު ބެލެވޭއިރު މި މަޝްވަރާތަކުގައި "ކިންގްމޭކަރުން"ގެ ދައުރު އަދާކުރުމުގެ ފުރުސަތު އިޒްރޭލުގެ އަރަބި ސިޔާސީ ޕާޓީތަކަށް އެބަ އޮތެވެ.

އިސްރާއީލުގެ މައި ޓީވީ ނެޓްވޯކްތަކުން އާންމުކުރި އަންދާޒާތަކުން ދައްކާ ގޮތުގައި، ކުރީގެ އަސްކަރީ ވެރިޔާ އަދި ސެންޓަ-ރައިޓްގެ ނުފޫޒުގަދަ ލީޑަރު ގާދީ އައިޒެންކޮޓް އިސްކޮށް ހުރި އިދިކޮޅު ބްލޮކަށް 53 ގޮނޑި ލިބޭއިރު، ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި އޭނާގެ ބައިވެރިންނަށް ލިބެނީ 50 ގޮނޑިއެވެ.

"ފުރަތަމަ އެގްޒިޓް ޕޯލްތަކުގެ ނަތީޖާއިން ދައްކަނީ ނަތަންޔާހޫ އާއި އޮކްޓޯބަރު 7 ގެ ސަރުކާރަށް މުޅިން އިތުބާރު ގެއްލިފައިވާކަން،" ވޯޓުލުން ނިމުމަށްފަހު އައިޒެންކޮޓް ބުންޏެވެ.

އައިޒެންކޮޓްގެ ބައިވެރިއެއް ކަމަށްވާ، ސެންޓްރިސްޓް ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ސިފަކުރި ގޮތުގައި މި ނަތީޖާއަކީ ނަތަންޔާހޫއަށް ލިބުނު ވަރަށް ދަށް ނާކާމިޔާބީއެކެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައިވެރިޔާ، ހަރުކަށި އިތުމާރް ބެން ގްރީވް ސަޕޯޓަރުންނާ ބައްދަލުކުރުމަށް ފަހު މާޔޫސްކަމާ އެކު ދަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައިވެރިޔާ، ހަރުކަށި އިތުމާރް ބެން ގްރީވް ސަޕޯޓަރުންނާ ބައްދަލުކުރުމަށް ފަހު މާޔޫސްކަމާ އެކު ދަނީ. -- ފޮޓޯ: އޭއެފްޕީ

ތެލް އަވީވްގެ ސްޕޯޓްސް އަރީނާއެއްގައި އޮތް އައިޒެންކޮޓްގެ ކެމްޕޭން ހަރަކާތުގައި، އުފާކުރަމުންދިޔަ ސަޕޯޓަރުން ވަނީ 66 އަހަރުގެ އައިޒެންކޮޓަކީ ދެން އަންނާނެ ބޮޑުވަޒީރު ކަމަށް ގޮވައި، ނަތަންޔާހޫގެ އާންމު ނަމުން މުހާތަބުކޮށް "ބީބީ، ގެއަށް ދޭ!" ކިޔައި އަޑު އުފުލައިފަ އެވެ.

ނަމަވެސް އިޒްރޭލުގެ ފޮރިން މިނިސްޓަރު އަދި ނަތަންޔާހޫގެ ބައިވެރިއެއް ކަމަށްވާ ގިޑިއޯން ސާރް ބުނީ އިދިކޮޅު ފަރާތްތަކުން ކާމިޔާބީ އިއުލާންކުރުމަކީ "ވަގުތުގެ ކުރިން" ކުރެވުނު ކަމެއް ކަމަށެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކުން ބުނި ގޮތުގައި، 24 ނުވަތަ 25 ގޮނޑިއާ އެކު މަޖިލީހުގެ އެންމެ ބޮޑު ވަކި ޕާޓީއަކަށް ވާނީ ނަތަންޔާހޫގެ ލިކޫޑް ޕާޓީ އެވެ. އަދި އިޒްރޭލުގެ އަރަބި ލިސްޓުތަކުން 17 އާއި 18 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކޮށް ބޮޑު ކުރިއެރުމެއް ހޯދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އިޒްރޭލުގެ އަރަބި ޕާޓީތަކުގެ މުހިންމު ލީޑަރެއް ކަމަށްވާ މަންސޫރު އަައްބާސް ބުނީ، ކަނާތުފިޔައިގެ ބްލޮކަށް "ބޮޑު ނާކާމިޔާބީއެއް" ކުރިމަތިވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި، އައިޒެންކޮޓާ އެކު މަސައްކަތްކުރުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

އައިޒެންކޮޓް ކުރިން ބުނެފައިވަނީ އިޒްރޭލުގެ ގާނޫނުހަދާ މަޖިލީހުގެ އަރަބި މެންބަރުންނާ އެކު ވެރިކަން ނުކުރާނެ ކަމަށެވެ. މިއީ އިދިކޮޅަށް ލިބޭ ކާމިޔާބީއެއްގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވެދާނެ ކަމެއް ކަމަށް ބުނެ ނަތަންޔާހޫ އޭނާގެ ވޯޓުލާ މީހުންނަށް އިންޒާރު ވެސް ދީފައިވާ ކަމެކެވެ.

ނަމަވެސް އަރަބި މެންބަރުން ކޯލިޝަނެއްގައި ބައިވެރިނުވި ނަމަވެސް، މަޖިލީހުގެ ވޯޓުތަކުގައި ސަޕޯޓްދީގެން އައިޒެންކޮޓްގެ މައިނޯރިޓީ ސަރުކާރެއް ދެމެހެއްޓުމަށް އެހީތެރިވެވިދާނެ އެވެ. އެހެން ނޫން ނަމަ، އިޒްރޭލުގައި ޖެހޭނީ އަނެއްކާވެސް އާ އިންތިހާބަކަށް ދާށެވެ.

އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި ގިނަބަޔަކު އުންމީދުކުރި ވަރަށް ކުރިއެރުން ނުލިބުނު ހަރުކަށި ކަނާތުފިޔައިގެ ސިޔާސީ މީހެއް ކަމަށްވާ އިތަމާރު ބެން ގްވީރު ވަނީ، އައިޒެންކޮޓާ އެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާ މެދު ނަތަންޔާހޫއަށް އިންޒާރު ދީފަ އެވެ.

"އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް،" ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން ތިބި ހަރުކަށި މީހުންނަށް ތާއީދުކާ އަދި ފަލަސްތީނު މީހުން ބޭރުކުރުމަށް ވަކާލާތުކުރާ ބެން ގްވީރު ބުންޏެވެ.

އަރަބި ޕާޓީތަކާ ދެކޮޅަށް ކެމްޕޭން ކުރުން

ނަތަންޔާހޫ ވަނީ އިޒްރޭލުގެ އަރަބިން މަސައްކަތްކުރަނީ "އިންތިހާބު ފޭރިގަންނަން" ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު އޭނާގެ ލިކޫޑް ޕާޓީން ވަނީ ރޭގަނޑު 10:00 ގެ ފަހުން ވެސް ވޯޓުލާ މަރުކަޒުތައް ހުޅުވާފައި ބެހެއްޓުމަށް އިލެކްޝަންސް އޮތޯރިޓީގައި އެދިފަ އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އޭނާގެ މި އަމަލުތަކާ ހުރެ އިދިކޮޅު ފަރާތްތަކުން ބުނީ ނަތަންޔާހޫ އުޅެނީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފެއްދުމަށް ބަހާނާތަކެއް ހޯދަން ކަމަށެވެ.

މި އިންތިހާބު ބޭއްވި އިރު، އީރާނާ އެކު ކުރާ ހަނގުރާމަ އާއި ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ އިތުރުން، ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން އިތުރުކުރުމާއި ހިންގާ އަނިޔާވެރިކަމުގެ ސަބަބުން އިޒްރޭލު ވަނީ ދުނިޔޭގެ މަސްރަހުގައި ވަރަށް ބޮޑަށް އެކެހެރިވެފަ އެވެ. ޣައްޒާގެ މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، ވެރިކަން ގެއްލިއްޖެނަމަ ޖަލަށް ދާންޖެހިދާނެ އެތެރޭގެ ކޮރަޕްޝަންގެ ދައުވާތަކާ ވެސް އޭނާ އަންނަނީ ކުރިމަތިލަމުންނެވެ.

އައިޒެންކޮޓްއަކީ ސިޔާސީ ދާއިރާއަށް އާ މީހެކެވެ. އޭނާގެ މަޑުމައިތިރި މިޒާޖަކީ ވެރިކަމުގައި ހުރި ނަތަންޔާހޫގެ ވާހަކަ ދެއްކުމުގެ ހުނަރާ މުޅިން ތަފާތު މިޒާޖެކެވެ. މޮރޮކޯގެ ޔަހޫދީ އާއިލާއަކަށް އުފަން އައިޒެންކޮޓް ވެގެންދާނީ މެދުއިރުމަތި ނުވަތަ އުތުރު އެފްރިކާގެ ދަރިކޮޅަކަށް ނިސްބަތްވާ އިޒްރޭލުގެ ފުރަތަމަ ބޮޑުވަޒީރަށެވެ.

ވޯޓުލުމުގެ ކުރިން، 66 އަހަރުގެ އައިޒެންކޮޓް ވަނީ ޣައްޒާގައި ހަނގުރާމަކުރަނިކޮށް މަރުވި އޭނާގެ ފިރިހެން ދަރިފުޅު ގާލްގެ މަހާނައަށް ޒިޔާރަތްކޮށްފަ އެވެ. ގާލް މަރުވުމާ ގުޅިގެން އިޒްރޭލުގެ ގިނަ ބައެއްގެ ހަމްދަރްދީ އޭނާއަށް ލިބިފައިވެ އެވެ.

ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ބުނި ގޮތުގައި، ގުނަން ބާކީ ހުރި ވޯޓުތައް ނުލައި، ވޯޓުލާ މަރުކަޒުތައް ބަންދުކުރިއިރު ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ 78 ޕަސެންޓަށް ވުރެ މަތީގަ އެވެ. މިއީ 2001 ވަނަ އަހަރަށްފަހު އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ގިނަ އަދަދެވެ.

ގާތްގަނޑަކަށް 7.3 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވަރަށް މުހިންމު ކަމަށް ބެލެވޭ މި އިންތިހާބުގައި ވޯޓުލުމަށްޓަކައި އިޒްރޭލުން ބޭރުގައި އުޅޭ 10،000 އަށް ވުރެ ގިނަ މީހުން އެނބުރި އިޒްރޭލަށް ގޮސްފައިވާ ކަމަށް ލަފާކުރެވެ އެވެ.