އިޒްރޭލުގައި ބޭއްވި އާންމު އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނުން ކުރިހޯދަމުން އަންނަ ކަމަށާއި އެކަމަކު ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު އަދިވެސް ނުލިބޭ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

ވޯޓުގެ 51.8 ޕަސެންޓް ގުނައި ނިމުނުއިރު، 120 ގޮނޑި ހިމެނޭ އިޒްރޭލުގެ ޕާލިމަންޓު (ނެސެޓް) އިން ނަތަންޔާހޫގެ ހާޑް-ރައިޓް ބްލޮކަށް ލިބިފައިވަނީ 55 ގޮނޑި އެވެ. އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ބްލޮކަށް 49 ގޮނޑި ލިބިފައިވާއިރު، އަރަބި ޕާޓީތަކުން ވަނީ 16 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލުގައި އެންމެ ގިނަ މީހުން ވޯޓުލި އިންތިހާބެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 78 ޕަސެންޓް މީހުން ވޯޓު ދީފައިވެ އެވެ. މިއީ 1999 ވަނަ އަހަރަށްފަހު އިޒްރޭލުގައި ވޯޓުލާން މީހުން ނުކުތް އެންމެ މަތީ އަދަދެވެ.

އެގްޒިޓް ޕޯލްތަކުން ދެއްކި ގޮތުގައި އިދިކޮޅު ލީޑަރު އަދި މިލިޓަރީގެ ކުރީގެ ވެރިޔާ އައިޒެންކޮޓް އާއި ނަތަންޔާހޫގެ ކޭމްޕާ ދެމެދު ވަނީ ވާދަވެރިކަން ބޮޑުވެފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އިދިކޮޅު އައިޒެންކޮޓްގެ ބްލޮކަށް އަރަބި ޕާޓީތަކާ އެކު ކޯލިޝަން ހަދައިފި ނަމަ އަޣުލަބިއްޔަތު ހޯދުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ކެމްޕޭން ތެރޭގައި އައިޒެންކޮޓް ވަނީ އަރަބި މެންބަރުންނާ އެކު ސަރުކާރެއް ނުހަދާނެ ކަމަށް ބުނެފަ އެވެ.

ވޯޓު ގުނުން ކުރިއަށްދާއިރު، ބުދަ ދުވަހުގެ ފަތިހު ގުދްސުގައި ސަޕޯޓަރުންނާ ބައްދަލުކޮށް ނަތަންޔާހޫ ވަނީ "ވަރުގަދަ ޔަހޫދީ ސަރުކާރެއް" އެކުލަވާލުމަށް ގޮވާލައިފަ އެވެ. ނަމަވެސް، އޭނާ ސީދާ ކާމިޔާބީ އިއުލާނެއް ނުކުރެ އެވެ.

އަނެއްކޮޅުން، ތެލް އަވީވްގައި ސަޕޯޓަރުންނާ ބައްދަލުކޮށް އައިޒެންކޮޓް ވަނީ، ސިޔާސީ ބޭނުމަށްޓަކައި އިޒްރޭލުގެ ސެކިއުރިޓީ ބޭނުންނުކުރުމަށް ނަތަންޔާހޫއަށް އިންޒާރު ދީފަ އެވެ. އަދި ރައްޔިތުން ވޯޓުދިނީ ބަދަލަކަށް ކަމަށާއި، ނަތަންޔާހޫ މަގާމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންތިހާބުގެ ފުރިހަމަ ނަތީޖާ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނުވަތަ ހުކުރު ދުވަހުގެ ހެނދުނު ލިބޭނެ ކަމަށް ބެލެވެ އެވެ. ވަކި ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބިއްޖެ ނަމަ، ސަރުކާރެއް އެކުލަވާލުމަށް މަސްތަކެއް ނަގާނެ ކަމަށާއި، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އާ އިންތިހާބަކަށް ދާންޖެހުން އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- އޭއެފްޕީ