އިންޑިއާގައި އިންތިހާ ދަރަޖައިގެ ފަގީރުކަމުގެ ހާލަތު ނުވަތަ އެކްސްޓްރީމް ޕަވަޓީގައި ދިރިއުޅެމުންދާ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ނެރުނު "ޕަވަޓީ އެންޑް އިކުއިޓީ ބްރީފް" ރިޕޯޓުގައިވާ ގޮތުން، 2011 ވަނަ އަހަރު އިންޑިއާގައި އިންތިހާ ދަރަޖައިގެ ފަގީރުކަމުގެ ރޭޓް 27.1 ޕަސެންޓުގައި ހުރުމަށް ފަހު، 2023 ވަނަ އަހަރާ ހަމައަށް އައިއިރު އެ ނިސްބަތް ވަނީ 2.6 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެ ގައުމުގެ ގާތްގަނޑަކަށް 496 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްވުމެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުވާލަކު 3 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުންގެ ނިސްބަތް 2.6 ޕަސެންޓަށް ދަށަށް ގޮސްފައިވާއިރު، މެދު ފަންތީގެ ފަގީރުކަމުގެ ރޭޓް (ދުވާލަކު 4.20 ޑޮލަރުގެ އާމްދަނީ) ވެސް ވަނީ 57.7 ޕަސެންޓުން 16.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
އިންޑިއާގެ ފަގީރުކަން މިހާ ހަލުވިކަމާ އެކު ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި، ވަޒީފާގެ ބާޒާރު ފުޅާވުން ހިމެނެ އެވެ. ހާއްސަކޮށް 2017 އާއި 2023 އާ ދެމެދު 134 މިލިއަން ވަޒީފާ އިތުރުވެ، ރަށްފުށު އަވަށްތަކުގެ އަންހެނުން ވަޒީފާތަކަށް ނިކުތް ނިސްބަތް އިތުރުވުމަކީ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވުމަށް މެދުވެރިވި ސަބަބެކެވެ. މީގެ އިތުރުން ސަރުކާރުން ދެމުންދާ ކާބޯތަކެތީގެ ސަބްސިޑީ ފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތެރިކަން ވެސް މީގެ ފަހަތުގައިވެ އެވެ.
ފަގީރުކަން ދަށަށް ދިޔަ ނަމަވެސް އިންޑިއާގެ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު އަދިވެސް ބޮޑެވެ. އެގޮތުން އެންމެ މަތީ އާމްދަނީ ލިބޭ 10 ޕަސެންޓް މީހުންގެ އާމްދަނީ، އެންމެ ދަށުން ލިބޭ މީހުންނަށް ވުރެ 13 ގުނަ އިތުރެވެ. އަދި އުއްތަރަ ޕްރަދޭޝް އިން ފެށިގެން ވެސްޓް ބެންގޯލްއާ ހަމައަށް އޮތް ސަރަހައްދުގައި އަދިވެސް ފަގީރުންގެ ނިސްބަތް މަތިކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.