އެމެރިކާގެ ފްލޮރިޑާގެ ނެއިބަހުޑެއްގައި އާދިއްތަ ދުވަހު ބިޒްނަސް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި ހުރިހާ އެންމެން މަރުވެފައިވާ ކަމަށް އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާމް ބީޗް ކައުންޓީގެ ކްރެސްހެވަން ކައިރީގަ އެވެ. އެއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިސޯޓެއް ކަމަށްވާ މާރ-އަ-ލާގޯއާ ގާތްގަނޑަކަށް 9 މޭލު (14 ކިލޯމީޓަރު) ދުރެވެ. ހާދިސާ ހިނގީ ރޭގަނޑު 12:50 އެހާކަންހާއިރު އެވެ.

ހާދިސާއަށްފަހު އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، މީހުން ދިރިއުޅޭ ސަރަހައްދުގެ މަގެއްގެ މެދަށް "ލިއާޖެޓް 60" މަރުކާގެ މި ބޯޓު ވެއްޓުމުގެ ސަބަބުން ބޮޑު ވަޅުގަނޑެއް އުފެދި، އަލިފާން ރޯވެ، ކޮންކްރީޓްތަކާއި ބޯޓުގެ ބައިތައް މުޅި ސަރަހައްދަށް ބުރައިގެން ގޮސް ހުއްޓެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ބޯޓަކީ ޓެކްސަސްގެ އޮސްޓިންއިން ފުރައިގެން ބަހާމަސްއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތަކާއި ފްލައިޓް އެނަލިސިސްތަކުން ދައްކާ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރިން ސިކުންތަކު އެތައް ސަތޭކަ ފޫޓެއް ތިރިއަށް ދިޔަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލްގެ ރެކޯޑިންތަކުން އެނގޭ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޕައިލެޓް ވަނީ ބޯޓު މިނިޓަކު 10,000 ފޫޓަށް ތިރިއަށް ދާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ޕައިލެޓް ވަނީ ކުއްލި ހާލަތު އިއުލާންކޮށް، "އަހަރެމެން ތިބީ އޯވަސްޕީޑް ކޮންޑިޝަނެއްގައި، މިނިޓަކު 20,000 ފޫޓަށް ތިރިއަށް އެބަ ދޭ" ކަމަށް ބުނެ ހަޅޭއްލަވައިގެންފަ އެވެ. އަދި "އަހަރެމެން ވެއްޓެނީ... ވަގުތެއް ނެތް" ކަމަށް ޓަވަރަށް އެންގި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ، ކާރެއްގެ ޑޭޝް-ކެމް ވީޑިއޯއިން ފެންނަ ގޮތުގައި، މަގުން ކާރުތައް ދުއްވާފައި ދަނިކޮށް، ކުއްލިއަކަށް ބޯޓު ސީދާ ތިރިއަށް ކޮޅަށް ގޮސް ބިމަށް ޖެހި، ބޮޑު އަލިފާންގަނޑަކާ އެކު ގޮވަ އެވެ.

"ހީވީ މިސައިލެއް އައިސް، ބޮޑު ގޮވުމެއް ގޮވައި، ކުނިތައް ހުރިހާ ދިމާލަކަށް ދިޔަ ހެން،" ވީޑިއޯއިން ފެންނަނީ ބިރުވެރި މަންޒަރެއްގެ ގޮތުގައި ސިފަކުރައްވަމުން، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ބޯޓުގައި ތިބީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ޑިސާންޓިސް ވިދާޅުވީ ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި އެއްވެސް މީހަކު މަރުނުވާ ކަމަށާއި އަދި އަނިޔާވި ކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ޓްރާންސްޕޯޓް ސެކްރެޓަރީ ސީން ޑަފީ މި ހާދިސާ ސިފަކުރެއްވީ "ވަރަށް ހިތާމަވެރި ހާދިސާއެއް" ގެ ގޮތުގަ އެވެ. އަދި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) ހިންގާ ތަހުގީގަށް އެހީތެރިވުމަށް އެފްއޭއޭގެ ޓީމެއް އެ ސަރަހައްދަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ޕާމް ބީޗް ކައުންޓީގެ ފަޔާ ރެސްކިއު އިން ވަނީ މިއީ ގިނަ ބަޔަކު މަރުވި ހާދިސާއެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ޝެރިފްގެ އޮފީހުން ބުނި ގޮތުގައި ބޯޓު ވެއްޓުނީ ވިޔަފާރިތަކާއި ރެސްޓޯރެންޓްތައް ހުންނަ ހަ ލޭނުގެ މަގެއް ކަމަށްވާ މިލިޓަރީ ޓްރެއިލް އަށެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ހާދިސާއާ ގުޅިގެން، ކައިރީގައި ހުރި ޓްރެއިލާ ޕާކެއްގެ 600 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މަގު އަލުން ހުޅުވޭނީ މަދުވެގެން 30 ދުވަސް ފަހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދަށް ގުގުރުމާ އެކު ވާރޭ ވެހެމުންދިޔަ އެވެ.

ރައީސް ޓްރަމްޕް އާދިއްތަ ދުވަހުގެ ހެނދުނު މާރ-އަ-ލާގޯގައި ހުންނެވުމަށްފަހު، އެއާފޯސް ވަންގައި ފުރާވަޑައިގަތީ ބޯޓު ވެއްޓުމުގެ ގަޑިއެއްހާ އިރު ކުރިންނެވެ.