އަންނަ މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އާ ޕާސްޕޯޓަކާއި އައިޑީ ކާޑަކަށް މިއަދު ރަސްމީކޮށް އެދިވަޑައިގެންފި އެވެ.

ހަސީނާގެ ގާނޫނީ ވަކީލުންގެ ޓީމު ކަމަށްވާ އިނގިރޭސިވިލާތުގެ މެޓްރިކްސް ޗެމްބާސް އިން، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ، ހަސީނާ އަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާތީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ އުސޫލުތަކުގެ ދަށުން އޭނާ އަށް އާ ޕާސްޕޯޓާއި އައިޑީ ކާޑު ވީހާ ވެސް އަވަހަކަށް ދޫކޮށްދިނުމަށެވެ.

އޮގަސްޓް 2024 ގައި ދަރިވަރުން އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން 15 އަހަރުގެ ވެރިކަން ވައްޓާލުމުން، އިންޑިއާ އަށް ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހަސީނާގެ ޕާސްޕޯޓާއި އައިޑީ ކާޑު ބާތިލްކޮށްފަ އެވެ.

ހަސީނާގެ އެހީތެރިޔާ އަބޫ އުބައިދާ އަރީން ވިދާޅުވި ގޮތުގައި، ޕާސްޕޯޓަށް އެދިވަޑައިގަތުމަކީ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަސީނާ ނިންމަވާފައިވާ ނިންމެވުމުގެ މުހިންމު ފިޔަވަޅެކެވެ. އޭނާ މީގެ ކުރިން ވިދާޅުވެފައި ވަނީ ގައުމަށް ވަޑައިގެން، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ކުރިމަތިލުމަށް ކޯޓަށް އަމިއްލަ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ އެ ސިޓީގެ ސައްހަކަން ކަށަވަރުކޮށް، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، ގާނޫނީ ގޮތުން ހަސީނާ އަށް ޕާސްޕޯޓަކަށް އެދިވަޑައިގަތުމުގެ ހައްގު އޮތްތޯ ފޮރިން މިނިސްޓްރީ އާއި ލޯ މިނިސްޓްރީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުން މީގެ ކުރިން ވެސް ވަނީ އިންޑިއާ އާ އެކު އޮންނަ، ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ހަސީނާ ހަވާލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އިންޑިއާ އިން މިހާތަނަށް އޭނާ ހަވާލުކޮށްފައެއް ނުވެ އެވެ.

ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި މުޒާހަރާތައް ރޫޅާލުމުގައި ހިންގި ލޭއޮހޮރުވުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތައް ބަލާ ކޯޓަކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހަސީނާގެ ޣައިރު ހާޒިރުގައި، އޭނާ މެރުމަށް ހުކުމްކޮށްފަ އެވެ. އަދި ބޮޑުވަޒީރު ތާރިގު ރަހުމާންގެ މިހާރުގެ ސަރުކާރުން ވަނީ ހަސީނާގެ އަވާމީ ލީގު ޕާޓީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަނާކޮށްފަ އެވެ.