ޔޫރަޕްގެ ބޮޑެތި ސުޕަމާކެޓްތަކާއި ކާބޯތަކެތި ރައްކާކުރާ ތަންތަނުގެ ފްރިޖުތަކަށް މިދިޔަ މަހު ދިން ވަރުގަދަ ސައިބާ ހަމަލާގެ ފަހަތުގައި ވަނީ އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ކަމަށް ފްރާންސުން ރަސްމީކޮށް ތުހުމަތުކޮށްފި އެވެ.
ޕެރިހުގައި ކުރިއަށްދިޔަ ޖީ7 ގެ މިނިސްޓަރުންގެ ބައްދަލުވުމެއްގައި ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯޓް ވިދާޅުވީ، މިއީ ފްރާންސް ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ދީފައިވާ އާދަޔާ ހިލާފު ބޮޑު އަދި ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 11 އަދި 12 ވަނަ ދުވަހުގެ ރޭ ދިން މި ހަމަލާގައި، އިންޓަނެޓާ ގުޅާފައިވާ ފްރިޖުތަކުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރާ ސިސްޓަމްތަކަށް ހެކަރުން ވަދެ، ފްރިޖުތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖެއްސި އެވެ. މިކަމުގެ ސަބަބުން ފްރާންސްގެ ކެރަފޯ އަދި އިންޓަމާޝޭ ފަދަ ބޮޑެތި ޗެއިންތައް ހިމެނޭހެން 700 އެއްހާ ތަނެއްގައި ހުރި ގިނަ އަދަދެއްގެ ތާޒާ އަދި ގަނޑުކުރި ކާބޯތަކެތި ހަލާކުވެ، އެތައް މިލިއަން ޔޫރޯއެއްގެ ގެއްލުން ލިބުނެވެ. އަދި ބައެއް ފިހާރަތަކުގައި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.
މީގެ އިތުރުން، ފްރާންސްގެ ލޭ ރައްކާކުރާ ތިން ބޭންކެއްގެ ކޯލްޑް ސްޓޯރޭޖް ސިސްޓަމްތަކަށް ވެސް ހެކަރުން ވަދެފައިވާތީ، ލޭގެ ސްޓޮކްތައް އަވަސް އަވަހަށް އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އަދި މި މަހުގެ ކުރީކޮޅު ބެލްޖިއަމް، ފިންލެންޑް، އަޔަލެންޑް، ނެދަލެންޑްސް އަދި ސްވިޑެން ފަދަ ޔޫރަޕްގެ އިތުރު ގައުމުތަކުގެ 100 އަށް ވުރެ ގިނަ ތަންތަނަށް ވެސް މިފަދަ ހަމަލާތައް ވަނީ އަމާޒުވެފަ އެވެ.
ފްރާންސްގެ ސައިބާ ސެކިއުރިޓީ އެޖެންސީން ބުނި ގޮތުގައި ހެކަރުން މި ހަމަލާ ދީފައިވަނީ ޑެންފޮސް އަދި ކޯޕްލެންޑް ފަދަ ރިމޯޓް ކޮންޓްރޯލް ސިސްޓަމްތަކުގައި ހުރި ސެކިއުރިޓީ ބަލިކަށިކަމެއްގެ ފައިދާ ނަގައިގެންނެވެ.
ފްރާންސްގައި ހުންނަ އީރާންގެ ސަފީރު ހާޒިރުކުރަން މި މައްސަލައާ ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި ޔޫރަޕްގެ ފެންވަރުގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބަރޯޓް ވިދާޅުވި އެވެ.
ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ އައިއާރުޖީސީގެ ސައިބާ ޔުނިޓުގެ އިސްވެރިޔާއާ ދެކޮޅަށް ރަސްމީ ތަހުގީގެއް ފަށައިފަ އެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.