އީރާނާ އެކު ވިޔަފާރި ކުރަން ޔޫރަޕުން ޕޭމަންޓް ސިސްޓަމެއް ގާއިމްކޮށްފި

ޕެރިސް (ފެބްރުއަރީ 1) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ނުޖެހި ތެހެރާންއާ އެކު ވިޔަފާރި ކުރުމަށް އިނގިރޭސި ވިލާތާއި ޖަރުމަން އަދި ފްރާންސް އިން ޕޭމަންޓް ސިސްޓަމެއް ގާއިމްކޮށްފި އެވެ.


ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވި ނަމަވެސް އެ އެއްބަސްވުން ކުރިއަށް ގެންދަން އެ ތިން ގައުމުން ބޭނުންވެ އެވެ. ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނާ އެކު ސީދާ ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ހިންގަން ބައެއް ގައުމުތަކަށް ދަތިވެ އެވެ. އެހެންވެ އަލަށް ގާއިމްކުރި ޕޭމަންޓް ޗެނަލް މެދުވެރިކޮށް ކުންފުނިތަކުން އީރާނާ އެކު ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ. ކުރިން ގާއިމްކޮށްފައިވާ ޕޭމަންޓް ޗެނަލްތައް ހުރީ އެމެރިކާއާ ގުޅިފަ އެވެ. އެހެންވެ އެ ޗެނަލްތައް މެދުވެރިކޮށް އީރާނާ އެކު އެއްވެސް ޕޭމަންޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ޔޫކޭ ފޮރިން އޮފީހުން ބުނެފައި ވަނީ އިންސްޓްރުމެންޓް ފޯ ސަޕޯޓިން ޓްރޭޑް އެކްސްޗޭންޖް (އިންސްޓެކްސް) އަކީ ޔޫރަޕުގެ ކުންފުނިތަކާއި އީރާނާ އެކު ވިޔަފާރި ހިންގުމަށް ގާއިމްކުރި ސައްހަ މެކޭނިޒަމެއް ކަމަށެވެ. ފޮރިން މިނިސްޓަރު ޖެރެމީ ހަންޓް ވިދާޅުވީ އާ ޕޭމަންޓް ސިސްޓަމުން ވިޔަފާރި ކުރެވޭނީ ކާނާ އާއި ބޭހުގެ ބާވަތްތަކާއި ކޮންޒިއުމާ ގުޑްސްގެ ޕޭމަންޓް އެކަނި ކަމަށެވެ. މި ބާވަތްތަކަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހިމެނޭ ބާވަތްތަކެއް ނޫނެވެ.