ކުއާލަ ލަމްޕޫރު (ނޮވެމްބަރު 11) - ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރޭގެ ވަގުތެއްގައި ޖަލުން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ކާޖަންގް ޖަލުން ނަޖީބު ނެރެގެން ކުއާލަ ލަމްޕޫރުގެ ޖަލާން ލަންގަކް ޑޫޓާގައި ހުންނަ އޭނާގެ ގެޔަށް ގެންގޮސްފައި ވަނީ ރޭ 9:35 ހާއިރު އެވެ. ފުލުހުންގެ ވަރުގަދަ ސެކިއުރިޓީއާ އެކު ނަޖީބު ގެޔަށް ވަޑައިގެންނެވި އިރު، އެ ސަރަހައްދަށް އެއްވެ ތިބި އޭނާގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މި ބަދަލު ގެނެސްފައި ވަނީ ޝަރުތުތަކާ އެކު ރަސްގެފާނު ދެއްވާފައިވާ މާފުގެ އަމުރާ އެއްގޮތަށް، ނަޖީބުގެ ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒު ކުރުމަށް ކުއާލަ ލަމްޕޫރު ހައި ކޯޓުން އިއްޔެ އަމުރުކުރުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ސޮވެރިން ވެލްތު ފަންޑު، ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) ގެ ހިޔާނާތުގެ މައްސަލައިގައި ޖަލަށް ލާފައިވާ އުމުރުން 73 އަހަރުގެ ނަޖީބަށް ޝަރުތުތަކާ އެކު މާފު ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ 50 މިލިއަން ރިންގިޓް (ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ދެއްކުމުން ހުކުމުގެ ބާކީ ބައި ގޭބަންދުގައި ތަންފީޒު ކުރެވޭ ގޮތަށެވެ.

ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) އިން ވަނީ މިދިޔަ ހުކުރު ދުވަހު އެ ފައިސާ ދައްކައިފަ އެވެ. ނަމަވެސް ގާނޫނީ ސުވާލުތަކެއް އުފައްދަވައި އެޓާނީ ޖެނެރަލް އެކަން ހުއްޓުވާފައި އޮތުމަށް ފަހު، އިއްޔެ ކޯޓުން ވަނީ ގޭބަންދަށް ބަދަލުކުރުމުގެ އަމުރު ވަގުތުން ތަންފީޒުކުރަން އަންގައިފަ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރޭގެ ވަގުތެއްގައި ޖަލުން ނެރެގެން ގެޔަށް ގަންދަނީ. - ފޮޓޯ: އޭއެފްޕީ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރޭގެ ވަގުތެއްގައި ޖަލުން ނެރެގެން ގެޔަށް ގަންދަނީ. - ފޮޓޯ: އޭއެފްޕީ

ގޭބަންދަށް ބަދަލުކުރުމުގެ ކުރިން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ނަޖީބުގެ ގެ ރަސްމީކޮށް ޖަލެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓުކޮށްފަ އެވެ. ނަޖީބުގެ ދިފާއީ ވަކީލު ޝަފީ އަބްދުﷲ ވިދާޅުވި ގޮތުގައި ގޭގައި ހުންނެވި ނަމަވެސް އޭނާގެ ހައިސިއްޔަތަކީ ޖަލު ގައިދީއެއްގެ ހައިސިއްޔަތެވެ. އެހެންކަމުން ހުއްދަ ނެތި ގެއިން ބޭރަށް ނުކުމެވަޑައިގަތުމާއި، ޖަލުގެ އުސޫލުތަކާ ހިލާފަށް މީހުންނާ ބައްދަލުކުރެއްވުން އޮންނާނީ މަނާވެފަ އެވެ.

އެސްއާރުސީ އިންޓަނޭޝަނަލްގެ ހިޔާނާތުގެ މައްސަލައިގައި ނަޖީބު ގޭބަންދުގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ އޯގަސްޓް 23، 2028 ގެ ނިޔަލަށެވެ. ނަމަވެސް 1އެމްޑީބީގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއް އޮތުމާ އެކު، އެ ހުކުމް ތަންފީޒު ކުރުމަށް 2028 ވަނަ އަހަރުގެ އޯގަސްޓް 24 ގައި އަލުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެ 15 އަހަރުގެ ހުކުމް ނަޖީބުގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ނަޖީބު ގޭބަންދަށް ބަދަލުކުރަން ނިންމުމާ ގުޅިގެން މެލޭޝިއާގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ ނިންމުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވަނީ އިއްޔެ ކެބިނެޓުން އިސްތިއުފާ ދެއްވައިފަ އެވެ. -- އޭއެފްޕީ