އެމެރިކާގެ މިސިސިޕީ ސްޓޭޓްގެ ސެނެޓް ގޮނޑި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ސްކޮޓް ކޮލޮމް ކާމިޔާބު ކުރައްވައި، އެ ސްޓޭޓްގެ ތާރީހުން ޖާގަ ހޯއްދަވައިފި އެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އިންތިހާބުގެ ވޯޓު ގުނުން ނިމި، އިއްޔެ އިއުލާންކުރި ނަތީޖާތަކުން ދައްކާ ގޮތުގައި، ކޮލޮމް މި ގޮނޑި ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ މިހާރުގެ ސެނެޓަރު ސިންޑީ ހައިޑް-ސްމިތާއި މިނިވަން ކެންޑިޑޭޓް ޓައި ޕިންކިންސްއާ ވާދަކުރައްވައި، ގާތްގަނޑަކަށް ބައި ޕަސެންޓްގެ ހަނި ތަފާތަކުންނެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި ސީއެންއެން ފަދަ ބޮޑެތި މީޑިއާތަކުން ވަނީ، އިންތިހާބުގެ  އަށް ދުވަސް ފަހުން، އެބްސެންޓީ އަދި ޕްރޮވިޝަނަލް ވޯޓުތައް ގުނައި ނިމުމާ އެކު ކޮލޮމް އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށް ރިޕޯޓުކޮށްފަ އެވެ.

މި ކާމިޔާބީއާ އެކު ކޮލޮމް ވެވަޑައިގެންފައި ވަނީ، ފާއިތުވި 40 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި މިސިސިޕީން އެމެރިކާގެ ސެނެޓަށް އިންތިހާބުވި ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ މެމްބަރަށެވެ. އަދި މިއީ އެމެރިކާގެ ރީކޮންސްޓްރަކްޝަން ދުވަސްވަރަށް ފަހު، މިސިސިޕީގެ މުޅި ސްޓޭޓް ހިމެނޭ މަގާމަކަށް އިންތިހާބުވި ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާ ވެސް މެ އެވެ.

ކޮލޮމްގެ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކީ ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަ އެވެ. އޭނާ ވަނީ ވާދަވެރި ކެންޑިޑޭޓް ހައިޑް-ސްމިތަށް "ސިންޑީ ހައި ޕްރައިސަސް" ގެ ނަމުން ފާޑުވިދާޅުވެ، ސިއްހީ ހިދުމަތްތަކުގެ ބަޖެޓް ކުޑަކުރުމާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ދެ ބޭފުޅުންގެ މެދުގައި މީގެ ކުރިން ވެސް ވަނީ ސިޔާސީ ވާދަވެރިކަން އުފެދިފަ އެވެ. އެގޮތުން 2023 ވަނަ އަހަރު ކުރީގެ ރައީސް ޖޯ ބައިޑެން، ފެޑެރަލް ފަނޑިޔާރުކަމަށް ކޮލޮމް އައްޔަން ކުރައްވަން ނަން ފޮނުއްވުމުން، ސެނެޓަރު ހައިޑް-ސްމިތު ވަނީ "ބްލޫ ސްލިޕް" ހިފަހައްޓަވައި އެކަމަށް ހުރަސް އަޅުއްވައިފަ އެވެ.

އުމުރުން 43 އަހަރުގެ ކޮލޮމް އަކީ ގާނޫނީ ވަކީލެކެވެ. ސެނެޓަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ 2016 ވަނަ އަހަރުން ފެށިގެން މިސިސިޕީގެ 16 ވަނަ ޖުޑީޝަލް ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް އެޓާނީގެ މަގާމުގަ އެވެ. އޭނާ ވަނީ އެ މަގާމަށް ތިން ދައުރު އިންތިހާބުވެވަޑައިގެންފަ އެވެ.