ބަހްރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ ރާޑަރު ނިޒާމަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. ނަމަވެސް އެ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އައިއާރުޖީސީގެ އެއަރޯސްޕޭސް ފޯސް އިން ބުނީ، ހުކުރު ދުވަހު ދިން މި ހަމަލާގައި ބަހްރޭނުގައި ހުންނަ އެމެރިކާގެ އާލީ-ވޯނިން ރާޑަރު ނިޒާމަށް ސީދާ އަމާޒުކޮށް އެ ތަން ހަލާކުކޮށްލާފައިވާ ކަމަށެވެ.

މި ވާހަކަތައް ދޮގުކުރަމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ބަހްރޭނާ ދިމާލަށް އީރާނުން ފޮނުވާލި ދެ ޑްރޯން ވެސް އެމެރިކާގެ ސިފައިންގެ ދިފާއުން ވައްޓާލާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ނޭވީ ފިފްތު ފްލީޓްގެ މައި މަރުކަޒު ވެސް ހުންނަ ބަހްރޭނުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އެއްވެސް މަރުކަޒަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މީހަކަށް ވެސް އަނިޔާއެއް ނުވާ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަހްރޭން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އީރާނުން ބުނި ގޮތުގައި މި ހަމަލާ ދިނީ، ހޮރްމޫޒް ކަނޑުއޮޅިއަށް ވާގޮތަށް އޮންނަ އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސިރިކްގައި ހުރި މުވާސަލާތީ ޓަވަރަކަށް އެމެރިކާ އިން ދިން ވައިގެ ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުގެ އަސްކަރީ ކޮމާންޑަރުން ވިދާޅުވި ގޮތުގައި، މިއީ ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާ އިން ހިންގާ ވައިގެ ހަރަކާތްތަކާއި ތެޔޮ ވަގަށް ބޭރުކުރުމުގެ އަމަލުތައް ހުއްޓާލުމަށް ދިން "ވަރުގަދަ އިންޒާރެއް" ކަމަށެވެ.

މިއީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށް ފަހު، ގަލްފުގެ ގައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިން ކަމަށް އީރާނުން ބުނި ފުރަތަމަ ފަހަރެވެ.