އިންޑިއާގެ ހުޅަނގު ސަރަހައްދުތަކުގައި އުފައްދާ އިއާދަކުރަނިވި ހަކަތަ އެ ގައުމުގެ އިރުމަތީގެ ސިނާއީ އަދި އާބާދީ ބޮޑެތި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް، 7.34 ބިލިއަން ޑޮލަރު (688 ބިލިއަން ރުޕީސް) ގެ ބިޔަ، ކަރަންޓު ޓްރާންސްމިޝަން މަޝްރޫއަކަށް އެ ގައުމުން ހުއްދަދީފި އެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ގާއިމްކުރާނީ 1،150 ކިލޯވޯލްޓް (ކޭވީ) ގެ ޓްރާންސްމިޝަން ނެޓްވޯކެކެވެ. މިއީ އިންޑިއާގައި މިހާތަނަށް ގާއިމްކުރާ އެންމެ މަތީ ވޯލްޓޭޖުގެ ކަރަންޓު ވިއުގައަށް ވާނެ އެވެ.

ގާތްގަނޑަކަށް ހަ އަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މި އާ ނެޓްވޯކުން، އިންޑިއާގައި މިހާރު ބޭނުންކުރާ 765 ކޭވީގެ ލައިންތަކަށް ވުރެ މާ ގިނަ އަދަދަކަށް ކަރަންޓު ސަޕްލައިކޮށްދޭނެ އެވެ. އަދި ކަރަންޓު ފޮނުވުމުގައި ގެއްލޭ މިންވަރު ކުޑަވެ، ޕަވާ ކޮރިޑޯތަކަށް ބޭނުންވާ ބިމުގެ މިންވަރު ވެސް މި ނިޒާމުގެ ސަބަބުން ކުޑަވެގެންދާނެ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޗައްތީސްގަޅް، އޮޑިޝާ އަދި ވެސްޓް ބެންގާލް ގުޅުވާލާނީ، ރާޖަސްތާނުގެ ބަދްލާ ސޯލާ ޕެނަލްތަކުން އުފައްދާ އިއާދަކުރަނިވި ހަކަތަ ސަޕްލައިކުރާ 6،000 މެގަވޮޓުގެ ޓްރާންސްމިޝަން ނިޒާމަކާ އެވެ.

މިއީ ހާއްސަކޮށް ރާޖަސްތާން ފަދަ ހުޅަނގުގެ ސްޓޭޓްތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިންޑިއާއިން ހަލުވިކަމާ އެކު އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ފަށާ މަޝްރޫއެކެވެ.

އިންޑިއާގެ އަމާޒަކީ މިހާރު ހުރި 300 ގިގަވޮޓަށް ވުރެ ގިނަ ނޮން-ފޮސިލް ފިއުލް ކަރަންޓު އުފެއްދުމުގެ ގާބިލުކަން، 2030 ވަނަ އަހަރު އަންނަންވާއިރަށް 500 ގިގަވޮޓަށް އިތުރުކުރުމެވެ. މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ ގައުމީ ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަވެ، ސާފު ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާވެ، އިތުރުވަމުންދާ ސިނާއީ ޑިމާންޑަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ބެލެވެ އެވެ.