އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމުގެ މަރުހަލާ އަވަސްކުރުމުގެ ގޮތުން 92 ގިގަވޮޓް-އަވަގެ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް 1.5 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިންޑިއާ ސަރުކާރުން ބުދަ ދުވަހު އިއުލާންކޮށްފި އެވެ.

ގްރީންހައުސް ގޭސް ތިންވަނައަށް އެންމެ ގިނައިން ބޭރުކުރާ އިންޑިއާއަކީ، އެ ގައުމުގެ ހަކަތައިގެ ބޮޑު ބޭނުމަކަށް އަދިވެސް ތިމާވެށި ތަޣައްޔަރުކުރާ ކޯލް އަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް 1.4 ބިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް އިންޑިއާގެ ހަކަތައިގެ ޑިމާންޑް ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު، ސަރުކާރުގެ އަމާޒަކީ 2070 ވަނަ އަހަރާ ހަމައަށްދާއިރު ޖައްވަށް ގޭސް ބޭރުކުރާ މިންވަރު ސުމަކަށް (ނެޓް-ޒީރޯ) ތިރިކުރުމެވެ.

މި ފެށޭ 2026-27 އިން ފެށިގެން 2030-31 ގެ ނިޔަލަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 60 ގިގަވޮޓް-އަވާގެ ޕަމްޕްޑް ހައިޑްރޯ ސްޓޯރޭޖް އާއި، 30 ގިގަވޮޓް-އަވަރްގެ ބެޓެރީ ސްޓޯރޭޖްގެ އިތުރުން، އާ ގާއިމުވަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ދެ ގިގަވޮޓް-އަވަރްގެ ހަކަތަ ރައްކާކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

އިންޑިއާގެ ސަރުކާރުން ދޭން ނިންމާފައިވާ މި އިނާޔަތްތަކާ އެކު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ހަކަތައިގެ ދާއިރާއަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި މަޝްރޫއާ އެކު އިތުރުވެގެންދާ ހަކަތަ ރައްކާކުރާ ނިޒާމަކީ މިހާރު އިންޑިއާގެ ގްރިޑްގައި ހުރި ކެޕޭސިޓީއަށް ވުރެ 170 އިންސައްތަ އިތުރު މިންވަރެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މީގެ ސަބަބުން ގައުމަށް އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބި، އިއާދަކުރަނިވި ހަކަތަ ގްރިޑާ ގުޅާލުމަށް ފަސޭހަވެ، ގައުމުގެ ހަކަތައިގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީ އާއި ހަކަތަ ރައްކާކުރާ ނިޒާމުތަކުގައި ބޭނުންކުރާ މުހިންމު މާއްދާތަކެއް ކަމަށްވާ ލިތިއަމް އާއި ނިކަލް އިންޑިއާގައި އަމިއްލައަށް ޕްރޮސެސްކުރާ ފެކްޓްރީތައް ބިނާކުރުމަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް އެ ގައުމުގެ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

"މިވަގުތު އިންޑިއާ ބޮޑަށް ބަރޯސާވަނީ ބޭރުން އެތެރެކުރާ މާއްދާތަކަށް. އެހެންކަމުން ގައުމުގެ އެތެރޭގައި މި ތަކެތި އުފައްދައި ޕްރޮސެސްކުރުމުގެ ގާބިލުކަން ހުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" ކެބިނެޓުން ނެރުނު ބަޔާނުގައިވެ އެވެ.